ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ އެނބުރި ޖަލަށް ވަޑައިގަތުން ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރ، އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ބޭރުގެ ޕްރެޝަރު ކިތަންމެ ވަރަކަށް ކުރިޔަސް އޭގެއިން ނަޝީދަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި އެނބުރި ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނު ވަންނަން އޮތް ހަމައެކަނި ތަނަކީ ޖައު ކަމަށާއި ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން އޮންނާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު ޖަލަށް ލެވިފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުޙައްމަދު ގާނޫނާއި ޚިލާފަށް ބަންދުކުރުމުގެ ސަބަބުންނެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަޝީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.
އަދި ސިޔާސީ ހިމާޔަތް ހޯއްދެވުމަށްފަހު އެކި ފަހަރު މަތިން ނަޝީދު ވަނީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެނބުރި ޖަލަށް ވަޑައިގަންނަވަން ޖެހުނަސް އިސްލާހީ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އެކި ފަހަރު މަތިން ނަޝީދު ވަނީ ތަކުރާރުކޮށްފައެވެ.
އަދި އިންޑިޔާއާއި އެމެރިކާއިން ދިވެހި ސަރުކާރަށް ޕްރެޝަރު ކުރަމުން އަންނަ ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަނީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ މަގު ތަނަވަސް ކުރުމަށް ކަމަށްވެސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދުގެ ފަރާތުން އެރުވިޔަސް ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ހަމަ އެންމެ ގޮތެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ.