Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ކުރީގެ ފޯނުތައް "ލަސްކޮށްލާތީ" އެޕަލްއާ ދެކޮޅަށް ދައުވާ

އެޕަލްއިން ފަހުގެ ފޯނު ބާޒާރަށް ނެރުމަށްފަހު ކުރީގެ ފޯނުތައް ލަސްކޮށްލާ ކަމަށްބުނެ އެޕަލްއާ ދެކޮޅަށް އެމެރިކާގެ އަމިއްލަ ފަރާތަކުން ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

އެޕަލްއާ ދެކޮޅަށް ދައުވާ ކޮށްފައިވަނީ ފަހުގެ ފޯނުތައް ނެރުމުން ކުރީގެ ފޯނުތަކަށް ފޮނުވާ އަޕްޑޭޓުތަކުން ފޯނުގެ ޕްރޮސެސާ ސްޕީޑު ލަސްކޮށްލާ ކަމަށް އެޕަލްއިން އަމިއްލައަށް އިއުތިރާފުވުމުންނެވެ. ނަމަވެސް އެޕަލް އިން ބުނެފައިވަނީ ފޯނުތައް ލަސްކޮށްލަނީ އޭގެ ބެޓެރީ ދުވަސްވުމުން ބާރު ދެރަވާތީ، ބެޓަރީ ގިނައިރު ހިފަހައްޓަން ކަމަށެވެ.

އެޕަލްގެ ކުރީގެ ފޯނުތައް ލަސްކުރަނީ އާ ފޯނު ގަތުމަށް "މަޖުބޫރުކުރުމަށް" ކަމަށް ގިނަ ބަޔަކު މީގެ ކުރިންވެސް ތުހުމަތުކޮށްފައިވާއިރު އެޕަލްއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް އެމެރިކާގެ ކެލިފޯނިއާ އަދި ޗިކާގޯ އައިފޯން ބޭނުންކުރާ ބަޔަކު ވަނީ އެޕަލްއިން އިގްތިސޯދީ ގޮތުން އެމީހުންނަށް ގެއްލުން ފޯރުކޮށްފައިވާ ކަމަށް ބުނެ ދައުވާ ކޮށްފައެވެ. ޗިކާގޯއަށް ނިސްބަތްވާ ލޯ ފާމަކުން ވަނީ ދައުވާ ކުރާ ފަރާތްތައް ތަމްސީލު ކުރަން ނިންމާފައެވެ.

ދައުވާތަކާއި ގުޅޭ ގޮތުން އެޕަލްއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެޕަލްގެ އެންމެ ފަހުގެ ފޯނު، އައިފޯން 10 ނެރެފައިވާއިރު އައިފޯން 4 އިން ކުރީގެ މޮޑެލްތަކަށް އަލަށް އެޕަލް އިން ގެންނަ އަޕްޑޭޓްތައް މަސައްކަތް ނުކުރާނެއެވެ. ނަމަވެސް އައިފޯން އަދި 6 ބޭނުންކުރާ ފަރާތްތަކުން ވަނީ މިހާރުވެސް ފޯނުތައް ލަސްވެ، ބެޓެރީ މައްސަލަ ޖެހިފައިވާ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.