Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ރާއްޖެއަކީ އަބަދުވެސް އެންމެ ގާތް އެކުވެރިޔާ: އިންޑިއާ

ދިވެހި ރާއްޖެއާ މެދު އިންޑިޔާ ސަރުކާރުން ދެކޭ ގޮތަކަށް ބަދަލެއް ނާންނަ ކަމަށާއި ރާއްޖެ އަބަދުވެސް ވާނީ އިންޑިޔާގެ އެންމެ ގާތް އެކުވެރިޔާއަށް ކަމަށް އިންޑިޔާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސުޝްމާ ރާއްޖެއާ ގުޅޭގޮތުން މިގޮތަށް ވާހަކަ ދައްކާފައިވަނީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މަޖިލީހަށް ހާޒިރުކޮށް، ރާއްޖޭގެ ގުޅުމާއި މެދު ސުވާލުކުރުމުން ކަމަށް އިންޑިޔާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

"ދަ ހިންދޫ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކަށް އިންޑިޔާ ފޮރިން މިނިސްޓަރުގެ އިތުރުން އަދިވެސް ބައެއް އިދާރާތަކުގެ ބޭފުޅުން ވަނީ ހާޒިރުކޮށް ރާއްޖެއާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އިންޑިޔާއަށް ކުރާނެ އަސަރާއި ބެހޭގޮތުން މަޝްވަރާ ކުރިކަމަށް ޚަބަރު ލިބެއެވެ.

ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކުރެވުނު ފްރީ ޓްރޭޑް އެގްރީމެންޓުގެ ސަބަބުން އިންޑިޔާއާ ރާއްޖެއާ ދެމެދުއޮތް ދުވަސްވީ ގާތް ގުޅުމަށް ހީނަރުކަމެއް އައިސްފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ދާދި ފަހުން ރިޕޯޓުކޮށްފައެވެ.

ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެފަދަ ވާހަކަތައް ދޮގުކޮށްފައެވެ. ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަނީ ރާއްޖެއާ އިންޑިޔާއާ ދެމެދު އޮތް ގުޅުމަކަށް އެއްވެސް ކަހަލަ ހީނަރުކަމެއް އައިސްފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.