ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުން ކުރެވޭނެ އެންމެ ފަހު ތާރީޚަކީ މިއަހަރުގެ އެންމެ ފަހު ދުވަސް ކަމަށްވާ އަންނަ އާދީއްތަ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
ރައީސް ނެރުއްވި ބަޔާނެއްގައި ވަނީ މިއަހަރު މޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެރުނު ފަސް ރުފިޔާ ނޫން އެހެން ފަސް ރުފިޔާގެ ނޫޓުތަކަކީ ލީގަލް ޓެންޑަރެއް ނޫންކަމަށް ކަނޑައެޅުމަށް އެމްއެމްއޭއިން ލަފާ އަރުވާފައިވާތީ އެ ނޫޓުތައް ބޭނުން ކުރެވޭ އެންމެ ފަހު ދުވަހަކަށް މިއަހަރުގެ ފަހު ދުވަސް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން އަންނަ ހޯމަ ދުވަސް ކަމަށްވާ ޖެނުއަރީ 1، 2018 އިން ފެށިގެން ފަސް ރުފިޔާގެ ގޮތުގައި ބަލައިގަނެވޭނީ ހަމައެކަނި މިއަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހު ނެރުނު "ރަން ދިހަ ފަހެއް" ނޫޓު ސީރީޒްގެ ފަސް ރުފިޔާގެ ނޫޓެވެ.
ނަމަވެސް ކުރީގެ ފަސް ރުފިޔާގެ ނޫޓު 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެމްއެމްއޭއިން ބަލައިގަންނާނެ ކަމަށް އެއިދާރާއިން މައުލޫމާތު ދީފައިވެއެވެ.