އިޒުރޭލުގެ ޓްރާންސްޕޯޓޭޝަން މިނިސްޓަރު ޤުދުސްގައި ރޭލު ސްޓޭޝަނެއް އަޅައި އެސްޓޭޝަނަށް "ޑޮނަލްޑް ޓްރަމްޕް" ކިޔުމަށް ނިންމައި ވަރުގަދަ ރޭވުމެއް ރާވައިފިއެވެ.
އިޒުރޭލުގެ ސީނިއާ ކެބިނެޓު މެމްބަރެއް ކަމަށްވާ ޔިސްރައެލް ކަޓްޒް މި ރޭލު ސްޓޭޝަން އެޅުމަށް ރާވާފައިވަނީ ޤުދުސްގެ ގަދީމީ އަވަށުގެ ބިމުން ތިން ކިލޯމީޓަރު ކޮނެގެންނެވެ. ބިމު އަޑީގައި ދެ ސްޓޭޝަން ގާއިމުކުރުމަށް އޭނާ ނިންމާފައިވާއިރު މި ރޭލު ސްޓޭޝަނުން އިޒުރޭލުގެ ޓެލް އަވިވްއާއި ހުޅަނގު ފާރު ގުޅާލެވޭނެއެވެ.
އިޒުރޭލުގެ ވެރިރަށް ކަމަށް ޤުދުސް ކަނޑައެޅުމުން ފަލަސްތީނާއި މުސްލިމް އުންމަތުގެ ތެރޭގައި އިންތިހާއަށް ކަންބޮޑުވުންތައް އުފެދިފައިވާއިރު މިނިންމުމުގެ ސަބަބުން މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށް ގަބޫލުކުރެވެއެވެ.
އިޒުރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މި ޕްލޭން ފާސްވެއްޖެނަމަ ހަތަރު އަހަރު ސްޓޭޝަން ހެދުމަށް ނަގާނެއެވެ. އަދި 700 މިލިއަން ޑޮލަރުވެސް ހޭދަވާނެ ކަމަށް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ކަޓްޒް ބުނެފައިވަނީ މި ސްޓޭޝަން ހެދުމުގެ މަގްސަދަކީ އިޒުރޭލަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަކަމާއެކު އަވަހަށް ޔަހޫދީ ދީނުގެ މީހުންނަށް ހުޅަނގު ފާރަށް ދިއުން ކަމަށެވެ. އަދި ސްޓޭޝަނަށް ޓްރަމްޕުގެ ނަން ދިނީ އިޒުރޭލުގެ ވެރިރަށް ކަމަށް ގުދުސް ހެދުމަށް ނިންމި ތާރީޚީ ނިންމުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އދ. އާންމު މަޖިލީހުގައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ޓްރަމްޕް ނިންމި ނިންމުމަކީ ބައިނަލް އަގުވާމީ މިންގަނޑު ތަކާއި ޚިލާފު ނިންމުމެއް ކަމަށް ފާާސްވެފައެވެ.