Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ނަޝީދާއި މައުމޫނަށް އެއް ފިކުރެއްގައި ނުތިބެވޭނެ: ނިހާން

ސިޔާސީ ގޮތުން ކުރީގެ ދެހަތުރުން ކަމަށްވާ ރާއްޖޭގެ ކުރީގެ ދެރައީސުން، ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ރައީސް މުޙައްމަދު ނަޝީދު މިހާރު ސިޔާސީ ގޮތުން އެއްގަލަކަށް އަރައިގެން ތިއްބެވި ނަމަވެސް ދެބޭފުޅުންނަށް އެއް ފިކުރެއްގައި ނުތިބެވޭނެ ކަމަށާއި ވަރަށް އަވަހަށް މައްސަލަ ޖެހޭނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޗެލަން 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވެފައިވަނީ އެއް އިރެއްގައިވެސް ނަޝީދުގެ "ގައުމު ހަލާކުކުރެނިވި ލާދީނީ" ފިކުރާއި މައުމޫންގެ ފިކުރާއި ދިމައެއް ނުވާނެ ކަމަށެވެ. އަދި ކޮންމެވެސް އެއް އިރަކުން މައްސަލަ ހޫނުވެ ހުޅު ފަޅައިގެން ދާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

އަދި އިއްތިހާދުގައި ދެން ހިމެނޭ އަދާލަތު ޕާޓީއާ ނަޝީދާވެސް ވަރަށް ގިނަ ދުވަސްވީ ދެބަސްވުންތަކެއް ހުރި ކަމަށާއި ނަޝީދުގެ ދީނީ ސިޔާސަތަކީ އަދާލަތު ޕާޓީން ދުވަހަކުވެސް ގަބޫލުކުރާނެ ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީން ކިތަންމެ ބޭނުން ވިޔަސް ނަޝީދަށް އިންތިޚާބުގައި ކުރިމަތި ނުލެއްވޭނެ ކަމަށާއި އެމްޑީޕީން ބޭނުންވާ ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ނިހާން ވިދާޅުވިއެވެ. ނަޝީދަށް ކުރިމަތިލެވޭ ގޮތް ހަދައިފިނަމަ ޖަލުގައި ހުރި ކޮންމެ މީހަކަށްވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.

އިދިކޮޅު އިއްތިހާދު ބައިބައި ވަމުންދާ ކަމަށްބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަޑު ފަތުރާފައިވާއިރު އެމްޑީޕީން ވަނީ ދާދި ފަހުން އެޕާޓީން ފަހަތަށް ޖެހެން ޖެހިއްޖެނަމަ ރައީސް ޔާމީން ބަލި ކުރަން އެކަންވެސް ކުރާނެ ކަމަށް ބުނެފައެވެ.