Last Updated: May 15, 09:10
Wednesday, May 15, 2024
ރިޕޯޓް

ވަހީދު: މިހާރު އެންމެ ބޭނުންވި ހިސާބުގައި

ކާމިޔާބީއަކާ ހަމައަށް ވާސިލް ވެވޭނީ ލައްކަ ހިތްވަރާއި ބުރަ މަސައްކަތުންނެވެ. އަޒުމަކާއި އުންމީދުތަކަކާ ވެސް އެކުގަ އެވެ. އަދި ހުވަފެންތަކެއްގައި ކުލަ ޖައްސައި އެކަން ހަގީގަތަކަށް ވެސް ހެދޭނީ ފިސާރި ކެރިގެންނެވެ. އިބްރާހީމް ވަހީދު ސާބިތުކޮށް ދިން ކަމަކީ އެއީ އެވެ.

އައްޑޫ ފޭދު އަށް ނިސްބަތްވާ މި ޒުވާނާއަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އައްޑޫ ޒުވާނުން ނަމޫނާއަކަށް ބެލުން ހައްގު ޝަހުސިއްޔަތެކެވެ. އޭނާ ވަނީ ހިތްވަރާ އެކު ކުރި މަސައްކަތުން، ވަރަށް ފާހަގަކޮށްލެވޭ ހިސާބަކަށް ދަތުރުކޮށްފަ އެވެ. ވަހީދަކީ މިހާރު ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ ޑިރެކްޓަ އޮފް ފުޑް އެންޑް ބެވަރެޖެސް އެވެ.

މި ހިސާބަށް އަންނަން އޭނާ ވަނީ ދިގު ދަތުރެއްކޮށްފަ އެވެ. އެ ތަޖުރިބާތައް ވަހީދު ވަނީ "ހޮޓެލިއާ މޯލްޑިވްސް" އާ ހިއްސާކޮށްފަ އެވެ.

ވަހީދު ބުނި ގޮތުގައި އޭނާއަކީ އައްޑޫގެ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އާއިލާގެ ތަނަވަސްކަން ހުރި ގޮތުން ކިޔަވަން ވެސް އުނދަގޫ އަދި ދަތި މަރުހަލާތަކެއް ކަނޑައްތު ކުރަން ޖެހުނެވެ. އެއްބަނޑު އެއްބަފާ ހުރިހާ ކުރިންނަށް ކިޔަވައި ދޭން ޖެހުމުން ހުރި ދަތިތަކާ އެކު، އޭނާ އަށް ކިޔެވުމުގެ މަރުހަލާތައް ގެއްލުނު ވެސް މެ އެވެ.

އެންމެ ކުޑައިރުއްސެރެ ވެސް ވަހީދު ބޭނުންވީ ފުޓްބޯޅަ ކުޅުންތެރިއަކަށްވާށެވެ. އެކަމަކު އެ ދާއިރާ ނޫން ދާއިރާއަކަށް ނިކުމެ، އޭނާ މި ވަނީ ކާމިޔާބު މަސައްކަތްތަކެއްކޮށްފަ އެވެ.

އުމުރުން އެންމެ 16 އަހަރުގައި ބޭބެއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކޮށް، ވަހީދު ދެން މިސްރާބު ޖެހީ ކުލަބް ރަންނާޅީ ރިސޯޓެއްގެ ކްލަބް ވެއިޓަރުގެ ވަޒީފާއަށެވެ. އެއީ 1999 ގަ އެވެ.

"އެ ހިސާބުން މި މަސައްކަތަށް ލޯބި ޖެހުނު ގޮތަށް އެކަމުގެ ތެރޭގައި މި އުޅެނީ. އެފްއެންޑްބީ ދާއިރާއަކީ އަހަރެން އެންމެ ގަޔާވާ އަދި އެންމެ ލޯބިދާ ދާއިރާ"، ބައެއް ހުވަފެންތަކަކީ ހުވަފެނެއް ގޮތުގައި އޮންނާނެ ކަންކަން ކަން ފާހަގަކޮށް ވަހީދު ބުންޏެވެ.

ރައްނާޅި އިން ފެށި ޓޫރިޒަމް ދަތުރުގެ ތެރެއިން އޭނާ ވަނީ ބައެއް އެހެން ރިސޯޓްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި މީދުއްޕަރު އައިލެންޑް ރިސޯޓް ހިމެނެ އެވެ. އެތަނުގައި އޭނާ އަދާ ކުރީ ސީނިއާ ވެއިޓަރެއްގެ މަގާމެވެ. އޭގެ ދެ އަހަރު ފަހުން ވަހީދު ޕްރޮމޯޓްވީ ރިސޯޓްގެ ރެސްޓޯރަންޓްގެ ކެޕްޓަންގެ މަގާމަށެވެ.

އެކަމަކު 2005 ގައި ހުވަފެންފުށި ރިސޯޓަށް ބަދަލުވެ ޓޫރިޒަމް ދައިރާގެ ގިނަ ތަޖުރިބާތަކެއް އޭނާ ފްރާންސާއި ސިންގަޕޫރު އަދި ސީޝެލްސް ފަދަ ގައުމުތަކުން ވެސް ހޯދި އެވެ. އަދި ޔޫރަޕްގެ ވަރަށް ގިނަ ތަންތަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނެވެ.

ފަހުން ވަހީދު ވަނީ 2009 ގައި ހިލްޓަން އިރުފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ އަށް ބަދަލުވެ އެތަނުގެ ބެވަރެޖާއި ރެސްޓޯރަންޓް މެނޭޖަރުގެ މަގާމު ވެސް ފުރައިފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ވަލްޑޯފް އެސްޓޯރިއާ މަނަފަރުގައި ވެސް މަސައްކަތްކޮށްފަ އެވެ.

"މިއިން ކޮންމެ ތަޖުރިބާއަކީ އުނގެނެން ލިބުނު ފުރުސަތުތަކެއް. އަދި އެހާމެ ގިނަ ޗެލެންޖްތަކަކާ ކުރިމަތިލާން ޖެހުނު ކަމެއް،" ވަހީދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވެލާގައި މިހާރު ފުރަމުން އަންނަ މަގާމަކީ ކުރި ހިތްވަރާއި ބުރަ މަސައްކަތުން އާދެވުނު ހިސާބެވެ. އަދި މިކާމިޔާބީއާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހެ އެވެ.

"އެހެންވެ އަހަރެން ބުނާނީ މާ މޮޅު ތައުލީމީ ސެޓްފިކެޓެއް ނެތަސް، ހިތްވަރާ އެކު މަސައްކަތްކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ހިސާބަކަށް ދެވޭނޭ،" ވަހީދު ބުންޏެވެ.