Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ބޭރުގެ ޖަމާއަތްތަކާއި ބައްދަލު ކުރަން ހުއްދަ ނަގާކަށް ނުޖެހޭނެ!

ކައުންސިލްތަކުން ބޭރުގެ ޖަމާއަތްތަކާއި ބައްދަލު ކުރުމަށް ހޯމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ނެރުނު ސާކިއުލާ އިއްޔެ އުވާލައިފިއެވެ.

އެލްޖީއޭގެ ނިންމުމަށް ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެ، ސަރުކާރަށްވެސް އޭގެ ސަބަބުން ޕްރެޝަރު ކުރިމަތިވެފައިވަނިކޮށް އެސާކިއުލާ އުވާލާފައިވަނީ ގާނޫނު އަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތަށް ބުރޫއަރާނެ ކަމަށް ބުނެ އެވެ.

ނަމަވެސް އެލްޖީއޭއިން އެ ނިންމުން ނިންމާފައިވަނީ ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް ހިމާޔަތް ކުރުމަށް ކަމަށް ބުނެފައިވެއެވެ. އަދި ގއ. އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން، އިންޑިޔާ ސަފީރާއި ބައްދަލުކުރީ ހުއްދަ ނުހޯދާ ކަމަށް ބުނެ އެލްޖީއޭއިން ވަނީ ތިން މަސް ދުވަހަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުވެސް ކޮށްފައެވެ.

އަދި އެގޮތަށް އެލްޖީއޭއިން ނިންމީ އިނގިރޭސި ވިލާތުން ދިވެހި ރާއްޖެއަށާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ޖޭމްސް ޑޯރިސްއާ ގދ. އަތޮޅު ކައުންސިލްގެ މެމްބަރުން ބައްދަލުކުރެއްވި ދުވަހު ކަމަށް ވުމުން، ޑޯރިސް ވަނީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމެރިކާއިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު، އަތުލް ކެޝަޕް ވަނީ އެ ނިންމުމަކީ ޑިމޮކްރަސީއަށް އެޅުނު ހުރަހެއް ކަމަށް ސިފަކޮށް، ފާޑުވިދާޅުވެފައެވެ.