Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ޗައިނާގެ މަސައްކަތް މިދަނީ ގާތުން ބަލަމުން: އިންޑިޔާ

މި ސަރަހައްދާއި ކަނޑުގެ ބާރަކަށް ވުމަށް ޗައިނާއިން ކުރާ މަސައްކަތާއި އަޅާ ފިޔަވަޅުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް އިންޑިޔާއިން ބުނެފި އެވެ.

އިންޑިޔާއިން ޗައިނާއާ މެދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާއަށް އިންޑިޔާ ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރ ޖެނެރަލް ފޮނުއްވި ސިޓީއެއްގައެވެ. އޭގެ ސްޓޭޓް މިނިސްޓަރު ވިޖޭ ކުމާރު ސިންހް ވަނީ ޗައިނާގެ ހަރަކާތްތަކަށް އިންޑިޔާއިން އޮތީ ފާރަވެރިވެ ސަލާމަތުން ކަމަށާއި އަވަށްޓެރި ގައުމުތަކާއި ޗައިނާއިން ބާއްވަމުންދާ ގުޅުންތަކަށް ޚާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.

އަދި އަވަށްޓެރި ގައުމުތަކާއި ވާހަކަ ދައްކައި ގުޅުން ބަދަހި ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޗައިނާގެ މައިގަނޑު މަގުސަދު އިންޑިޔާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ސްޓޭޓް މިނިސްޓަރު ޖެނެރަލް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ގަބޫލުކުރެވޭ ގޮތުގައި އޭނާ އިޝާރާތް ކޮށްފައިވަނީ ޕާކިސްތާނާއި ދިވެހި ރާއްޖެއަށް ކަމަށެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމުކޮށްފައިވާއިރު އޭގެ ސަބަބުން ރާއްޖެއާ އިންޑިޔާ އާ ދެމެދު އޮތް ގުޅުމަށް އަސަރު ކުރަމުންދާ ކަމަށް އެގައުމުގެ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.