Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

މެކްސިކޯގައި ރެކޯޑު އަދަދަކަށް މީހުން މެރުމުގެ ކުށް

މެކްސިކޯ ފުލުހަކު ބަރު ހަތިޔާރާއެކު ހަރަކާތްތެރިވަނީ. މެކްސިކޯގައި މިއަހަރު ތެރޭ 23،000 އަށްވުރެ ގިނަ މީހުން މަރާލާފައިވޭ-

މެކްސިކޯގައި މިއަހަރު ތެރޭ 23،000 މީހުން މަރައި، މިދިޔަ 20 އަހަރު ތެރޭގައި އެންމެ ގިނަ މީހުން އެގައުމުގައި މަރާލި އަހަރަށް މިއަހަރު ވެއްޖެއެވެ.

މެކްސިކޯގެ ފުލުހުން އާންމުކުރި މިތަފާސް ހިސާބުގެ ސަބަބުން ދުނިޔެ ހައިރާން ވެފައިވާއިރު ސަރުކާރަށާއި ޝަރުއީ ދާއިރާއަށް ވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައެވެ. ކޮރަޕްޝަނާއި ގޭންގު ކުށް އެންމެ މަތީ ދަރަޖައަށް އޮންނަ މެކްސިކޯއަކީ މިހާރު ގިނަ ބަޔަކު ދާން ނުކުރޭ ވަރުގެ ގައުމެކެވެ.

ސެކިއުރިޓީ ޓްރެފިކިންގެ މާހިރެއް ކަމަށްވާ މާރިއޯ ގޮންޒާލެޒް ރޯމަން "އަލް ޖަޒީރާ" ދެއްވި އިންޓަވިއުއެއްގައި ބުނެފައިވަނީ މިއަދަދަކީ އޭނާ މުޅިން ހައިރާންވާ އަދަދެއް ނޫން ކަމަށެވެ. އޭނާ ބުނެފައިވަނީ މިއީ ހަރުދަނާ ސިޔާސަތުތައް ގާއިމުކުރުމަށް ނުކުޅެދުމުގެ ނަތީޖާ ކަމަށެވެ. ކަމާބެހޭ އެހެން މާހިރެއް ކަމަށްވާ ރައުލް ބެނިޓޭޒް މަނޯޓް ބުނެފައިވަނީ މަރާއި އެހެން ބޮޑެތި ކުށްތައް މެކްސިކޯގައި ރެކޯޑު އަދަދަކަށް އިތުރުވުމަށް ދިމާވި ސަބަބަކީ މެކްސިކޯގެ ޑްރަގްލޯޑް، އެލް ޗާޕޯ އެމެރިކާއާ ހަވާލުކުރުމެވެ.

ހޯކުއިން ގުޒްމޭން ނުވަތަ އާންމު ނަމުން ނަމަ "އެލް ޗާޕޯ" މިއަހަރު ޖެނުއަރީ މަހު ވަނީ އެމެރިކާ ސިފައިންނާ ހަވާލުކޮށް އެމެރިކާގެ ޖަލަކަށް ބަދަލުކޮށްފައެވެ. އަދި އޭނާގެ ޝަރީއަތް އެމެރިކާގައި ކުރިއަށްދާއިރު "އެލް ޗާޕޯ" ގެ ވަކީލުން ވަނީ އަންނަ އެޕްރިލް މަހަށް ތާވަލުކުރި އޭނާގެ އަޑު އެހުން ލަސްކޮށްދިނުމަށް އެދިފައެވެ. ސަބަބަކަށް ބުނެފައިވަނީ ގުޒްމޭން އެމީހުންނަށް މުސާރަ ނުދޭތާ ހަތަރު މަސް ވެއްޖެ ކަމަށެވެ.

މެކްސިކޯގެ ބައެއް އަމާން ސްޓޭޓުތައްވެސް މިއަހަރު ވަނީ އިތުރަށް ހަލަބޮލިވެ ކުށްގިނަ ވެފައެވެ. އެގޮތުން ބާޔާ ކެލިފޯނިއާ ސްޓޭޓަކީ މީގެ ކުރީގެ އަހަރުތަކުގައި ކުށްމަދު، އަމާން ސްޓޭޓެއްގެ ގޮތުގައި ފާހަގަވެފައިވާ ސްޓޭޓެކެވެ. ނަމަވެސް މިއަހަރު އެސްޓޭޓުގެ މީހުން މަރާފައިވާ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ ވެފައެވެ.

މަރުވެ ދިޔަ މީހުންގެ އާއިލާތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ގައުމު ނާމާންވެ ބޮޑު "އަނދަވަޅަކަށް" ވެއްޓިފައިވާއިރުވެސް ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް ކަމެއް ނުކުރާ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

މަޝްހޫރު ޓީވީ ސީރީސް، ނާކޮސްގެ ހަތަރު ވަނަ ސީޒަން މެކްސިކޯގައި ޝޫޓު ކުރުމަށް ނިންމާފައި ވަނިކޮށް މިއަހަރު ތެރޭ މެކްސިކޯގައި ހަރަކާތްތެރިވި ނާކޮސްގެ ލޮކެޝަން ސްކައުޓަކުވެސް ވަނީ މަރާލާފައެވެ. އޭގެ ސަބަބުން ޝޯ ވަނީ މެކްސިކޯގައި ޝޫޓު ނުކުރުމަށް ނިންމާފައެވެ.