އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި މިހާތަނަށް 40 މީހަކު މަރުވެ 84 މީހަކު ވަނީ ޒަޚަމްވެފައެވެ.
މިހަމަލާ ދީފައިވަނީ ބާރުކެނޑިފައިވާ އައިއެސް ޖަމާއަތުން ކަމަށް ޚަބަރު ލިބެއެވެ. ޝިޢީންގެ ސަގާފީ މަރުކަޒަކަށް އަމާޒުކޮށް ދިން މިހަމަލާގައި މީހަކު އޭނާގެ ގައިގައި ގޮވާތަކެތި ހަރުކޮށްގެން އަމިއްލައަށް މަރުވެފައިވާއިރު އެސަރަހައްދުގައި ހަނގުރާމަވެރިން ވަނީ އިތުރު ތިން ބޮން ގޮއްވާލާފައެވެ.
ޖާނުންފިދާވެ ހަމަލާދިން މީހާ ހުރީ ސަގާފީ މަރުކަޒުގެ ތެރޭގައި މީހުންގަނޑުގެ ތެރޭގައި އިށީނދެލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ ގައިގައި ހުރި ބޮންތައް ގޮއްވާލުމަށްފަހު ބޭރަށް ފިލަން މީހުން ނިކުތް ވަގުތު އިތުރު ބޮންތައް ގޮއްވާލީ ކަމަށް ޝިޢީންގެ ލީޑަރު ބުނެފައިވެއެވެ.
ނަމަވެސް ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ސަގާފީ ސެންޓަރު ތެރޭގައި ހުރި ހަނގުރާމަވެރިޔާ ބޮން ގޮއްވާލީ ބޭރުގައި ބޮން ގޮއްވާލި ފަހުންނެވެ. އިރާގު އަސްކަރިއްޔާއިން އައިއެސްގެ ޖަމާއަތްތައް އިރާގާއި ސޫރިޔާއިން ފައްސާލާފައިވާއިރު އައިއެސްގެ ބާރު ކެނޑިފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވަމުންނެވެ.