Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ފުވައްމުލަކު ތުނޑި ސަރަހައްދުން މިނި ކަށިތަކެއް ފެނިއްޖެ

ފުވައްމުލަކު ސިޓީގެ ތުނޑި ސަރަހައްދުން މިނި ކަށިތަކެއް ފެނި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.

ފުލުހުން ވަނީ މިނި ކަށިތައް އެސަރަހައްދުން ފެނުނު ކަމުގެ ރިޕޯޓު ބަޔަކު މިއަދު ހަވީރު ކޮށްފައިވާ ކަމަށާއި ކަށިތައް ވަޅުލުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

ފޮޓޯ – އަވަސް

ފުވައްމުލަކު ސިޓީގެ މޭޔަރާ ހަވާލާދީ "އަވަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މޫސުމުގައި ކުރިންވެސް އެސަރަހައްދުން މިނި ކަށިތައް ފެނިފައިވާ ކަމަށެވެ. އެއީ އެސަރަހައްދަކީ ކުރިން މީހުން ވަޅުލާފައިވާ ތަނެއް ކަމަށްވުމުން ކޮންމެ އަހަރަކުވެސް މި މޫސުމުގައި ދިޔަވަރު ބޮޑުވުމުގެ ސަބަބުން ފަސްގަނޑު ފައިބައި، ކަށިތައް ފެންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ފުވައްމުލަކު ތުނޑި އަކީ އެރަށަށް އަންނަ ފަތުރުވެރިންގެ އިތުރުން ރަށުގެ އާންމުންގެ މެދުގައިވެސް ވަރަށް މަގުބޫލު ތަނެކެވެ. ހަވީރު ހިތްފަސޭހަ ކޮށްލުމަށްޓަކައި ކޮންމެ ދުވަހަކު ތުނޑިއަށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ގޮސްހަދައެވެ.