މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރު ހޯސޭ މޮރީނިއޯ، އޭނާގެ ފޯވާޑް ރޮމެލޫ ލުކާކޫއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުން ލުކާކޫ ދިފާއުކޮށްފިއެވެ.
މާދަމާ ސަދަމްޕްޓަންއާ ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗުގެ ކުރިން މީޑިޔާއަށް ދިން ޕްރެސް ކޮންފަރެންސެއްގައި ލުކާކޫއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މޮރީނިއޯ ބުނެފައިވަނީ ލުކާކޫ ކުރާ މަސައްކަތް ހެޔޮހިތުން ބަލައިގަންނަ ކަމަށެވެ.
އަދި މީޑިޔާއާއި ސަޕޯޓަރުންނާއި ޕުންޑިޓުންނަށް އޭނާ ގޯސް ވިޔަސް އޭނާ ކުރާ މަސައްކަތަށް ޝުކުރު އަދާކުރުމަކީ މެނޭޖަރު ކުރަން ޖެހޭ ކަމެއް ކަމަށް މޮރީނިއޯ ބުނެފައިވެއެވެ. ލީގުގައި 20 މެޗު ކުޅެ، ކޮންމެ މެޗެއް ފުރިހަމަ ކުރުމަކީ ބޮޑު ކަމެއް ކަމަށާއި ކުޅުންތެރިޔާ ވަރުބަލިކޮށްލާ ކަމެއް ކަމަށް ބުނެ މޮރީނިއޯ ވަނީ ލުކާކޫ އެކަން ކުރުމުން އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ލިވަޕޫލުން ޑިފެންޑަރަކަށް ރެކޯޑު އަގު ދީފައި ގެނައުމުން ދެކޭ ގޮތާ މެދު ސުވާލުކުރުމުން މޮރީނިއޯ ބުނެފައިވަނީ އެއީ މިއަދުގެ މާކެޓު އޮތް ހާލަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ލިވަޕޫލުން ބޭނުންވާ ކުޅުންތެރިޔާ ވިއްކުމަށް ކުލަބުން އެދޭ އަގު ދިނުމަކީ އެއީ މައްސަލައެއް ނޫން ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.
ނަމަވެސް މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން އޭރުގެ ރެކޯޑު އަގަކަށް ޕޯލް ޕޮގްބާ ޔުނައިޓެޑަށް ގެނައުމުން ލިވަޕޫލްގެ ކޯޗު ވަނީ އެކަމަށް ފާޑުކިޔައި އެއީ އޭނާ ދުވަހަކުވެސް ނުކުރާނެ ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް އިއްޔެ 75 މިލިއަން ޕައުންޑަށް ސަދަމްޕްޓަންގެ ވެންޑައިކް ލިވަޕޫލަށް ގެނެސްފައިވާކަން އިއުލާން ކުރުމަށްފަހު ކްލޮޕް ވަނީ ލިވަޕޫލް ސަޕޯޓަރުން ކައިރިން އޭނާގެ އަގު ހަނދާން ނައްތާލުމަށް އެދިފައެވެ.