އަމިއްލައަށް ޝެއިޚުންނަށް ވެގެން އުޅޭ މީހުން މުޖުތަމައުގެ ދިފާއުގައި ތިބޭ މީހުންނަށް ދޭ ހަމަލާތަކަކީ "ދައުލަތުގެ ތެރެއިން ދައުލަތެއް" އުފެއްދުމަށް އުޅޭ ކަމުގެ ނިޝާނެއް ކަމަށާއި އެފަދަ މީހުން ސަރުކާރުވެސް ވައްޓާލަފާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ކުރީގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ، ޝަހިންދާ އިސްމާއިލް ކުރެއްވި ޓުވީޓެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދިނުމަށް ބާރުލިބޭ ފަދަ ގޮތަކަށް ބަސްމަގު ބިނާ ކުރުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝަހީންދާ ކުރި ޓުވީޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީންވެސް އެފަދަ ވާހަކަތައް ނުދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމްދީނަށް ފުށޫއަރާ ފަދަ ވާހަކަތައް ދެއްކުމުން ބަރީއަ ވުމަށް ދިވެހިންނަށް ގޮވާލާފައެވެ.
އަދި އެގޮތަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނިކޮށް ނަޝީދު މިފަދަ ޓުވީޓެއް ކުރުމުން ނަޝީދަށްވެސް އަންނަނީ ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.