ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި ކޮރަޕްޝަނާއި، ވައްކަމާއި އަނިޔާވެރިކަން ގެންގޮސްފައިވަނީ އަދި މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ސަރުކާރުން ގެންދިޔަ ހިސާބަކަށް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ވިދާޅުވެފައިވަނީ މިސަރުކާރުގެ އަނިޔާވެރިކަމާއި ބޭއިންސާފު އަދި ކޮރަޕްޝަން އެހެން ސަރުކާރަކާ އަޅާ ކިޔެވޭ ވަރަށްވުރެ މާ މައްޗަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރެވޭނެ ކަން ވަރަށް ސާބިތުކަމާއެކު މިހާރުވެސް ދަންނަވަން އެނގޭ ކަމަށެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވެފައިވަނީ ގުޅިފައިވާ އިއްތިހާދުން ނެރޭނީ އެއް ކެންޑިޑޭޓަކު ކަމަށް އެއްބަސްވެވިފައިވާއިރު އެ ކެންޑިޑޭޓަކީ އެމްޑީޕީން މުޙައްމަދު ނަޝީދަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހަކީ ސުލްހަވެރި ކަމާއެކު ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލަކަށް ވުމުން ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށާއި ބޭރުގެ ނުފޫޒުން އިންސާފުވެރި އިންތިޚާބެއް މިރާއްޖޭގައި ބޭއްވުމަށް ރައީސް ޔާމީނަށް މަޖުބޫރުވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ދާދި ފަހުން ރައީސް ޔާމީން ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މައްސަލަތަކަށް "އުނދުޅި ބާނަން" ނުޖެހޭ ކަމަށް ވިދާޅުވެ، ބޭރުގެ ފަރާތްތަކާއި ގުޅިގެން ދިވެހިންގެ ތެރެއިން މަސައްކަތް ކުރާ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން އިޝާރާތްކުރެއްވި "އުނދުޅި ބޭނުމަކީ" ހަސަން ވިދާޅުވި ބޭރުގެ ނުފޫޒުކަމަށް ބެލެވެއެވެ.