ރާއްޖޭގައި އުފެދޭ ކުނީގެ ޙާލަތު ދެނެގަތުމަށް ސާވޭއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
ރާއްޖޭގައި މިހާރު ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރަމުން އަންނަ ކުންފުނިން ބުނީ ސާވޭ އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާނެ ކަމަށެވެ.
ފުރަތަމަ މާލެ ސަރަހައްދުގައި ސާވޭ ފެށި ނަމަވެސް "ސާފު ރާއްޖެ ކެމްޕޭން" ގެ ދަށުން ކުރިއަށް ގެންދާ ސާވޭ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިޔަށް ގެންދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު އަހުމަދު ޝާން ވިދާޅުވީ ގޭބިސީތަކުގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ އަދަދަދާއި ކުނި ވަކި ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މައުލޫމާތު ސާވޭ މެދުވެރިކޮށް ރައްޔިތުންނަށް ހިއްސާކުރާނެ ކަމަށެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ނަތްތާލުމަށް ކުރެވިދާނެ މަސައްކަތް ބަލާ މި ސާވޭގައި ލިބޭ މައުލޫމާތުގެ އަލީގައި އެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސެގްރިކޭޝަންއާ ހަމައަށް ދާކަމުގައި ވަނީ ނަމަ އެކަންތަކަށް އާއްމު ރައްޔިތުންގެ ފަރާތުން ކޮން އެހީތެރި ކަމެއްތޯ ފޯރުކޮށް ދެވޭނީ ބަލަންޖެހޭ، "ޝާން ވިދާޅުވި އެވެ. "މުސްތަޤްބަލުގައި ސާފު ރާއްޖެއަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރާ އިރު އަޅުގަނޑުމެން އެބަ ޖެހޭ ރައްޔިތުންނަށް ވެސް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިނގޭ މިންވަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ރާވަން. ސަރވޭ ޓީމުން ވެމްކޯއިން ކުނި ނައްތާލުމަށް ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށް ދޭނެ."
ޝާން ވިދާޅުވީ ވެމްކޯގެ މަގްސަދަކީ ރާއްޖޭގައި އުފެދޭ ކުނީގެ މިންވަރު މަދު ކުރުމެވެ. އަދި ވެމްކޯއިން މަސައްކަތް ކުރަނީ ކުނި އެންދުމުގެ ބަދަލުގައި ކުނި ރިސައިކަލްކޮށް ބޭނުން ހިފާނެ ގޮތްތަކެއް ހޯދަން ކަމަށް ބުންޏެވެ.