ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލުން) އެޅުމަށް ނިންމާފައިވާ ސާދަ ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޓަވަރުތަކުގެ މަސައްކަތް ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށް، ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. ނަމަވެސް އެމްޕީއެލުން ކޮންޓްރެކްޓާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ކޮންޓްރެކްޓު ހަވާލުކުރީ ކޮން ނަމެއް ކިޔާ ކުންފުންޏަކާ ކަމެއްވެސް ބުނެފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މި ތިން ޓަވަރުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޕީއެލުން މައުލޫމާތުދޭ ގޮތުގައި ތިން ޓަވަރުގައި އަޅަނީ ތިން ކޮޓަރީގެ އެޕާޓުމަންޓުތަކާއި އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމެންޓުތަކެވެ. ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ވަނީ ޓަވަރު އެޅުމަށް ނިންމާފައެވެ.
ޖުމުލަ 36 ޓަވަރު "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅުމަށް ނިންމާފައިވެއެވެ. ބައެއް ކުންފުނިތަކުން މަސައްކަތް ކުރިއަށް ގެންދާނެ ފަރާތްތަކުން ހޯދައި، މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އަދި ބައެއް ކުންފުނިތަކުން އަދިވެސް ޕްރޮޖެކްޓު ހަވާލުކުރާނެ ބަޔަކު ދަނީ ހޯދަމުންނެވެ.