Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

"ސެލްފް އެޕޮއިންޓެޑް" ޝެއިޚުންނެއް ނުދެކެން: ޑރ. އިޔާޟް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް

އިސްލާމް ދީނުގެ ދައުވަތުގެ މައިދާނުގައި ހޭދަކުރެއްވި މުއްދަތުގައި އަދި އޭގެ ކުރިންވެސް "ސެލްފް އެޕޮއިންޓެޑް" ޝެއިޚުންތަކެއް ފެނިވަޑައިގެންފައި ނުވާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލައަށް ޝެއިޚުންނަށް ވެގެން އުޅޭ މީހުން ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އަމިއްލައަށް ޝެއިޚުންނަށް ވެގެން އުޅޭ މީހުން މުޖުތަމައުގެ ދިފާއުގައި ތިބޭ މީހުންނަށް ދޭ ހަމަލާތަކަކީ "ދައުލަތުގެ ތެރެއިން ދައުލަތެއް" އުފެއްދުމަށް އުޅޭ ކަމުގެ ނިޝާނެއް ކަމަށާއި އެފަދަ މީހުން ސަރުކާރުވެސް ވައްޓާލަފާނެ ކަމަށެވެ.

"ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅާކު މިފަދަ ވާހަކަ އެއް ވިދާޅުވި ނަމަވެސް ދީނުގެ ދައުވަތުގެ މައިދާނުގައި އަޅުގަނޑު މިހާތަނަށް ހޭދަކުރި މުއްދަތުގައި ވެސް އަދި އޭގެ ކުރިން ވެސް އެފަދަ ސެލްފް އެޕޮއިންޓެޑް ޝެއިޚުންތަކެއް ދެކެފައި ނުވާކަން ފާހަގަ ކުރަމެވެ."

މިވާހަކަތަކާއި ގުޅިގެން ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ފުންނާބު އުސް އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޟް ވިދާޅުވެފައި ވަނީ، އެފަދަ ޝެއިޚުންތަކެއް އަމިއްލަފުޅަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިސްލާމްދީން އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ އެހެން ބޭފުޅެއްގެ ފަރާތްޕުޅުން ވެސް އެފަދަ ހަބަރެއް ލިބިފައި ނުވާ ކަމަށެވެ.

ޑރ. އިޔާޟްގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވާ ގޮތުން "ސެލްފް އެޕޮއިންޓެޑް" ޝެއިޚުންތަކެއް ދިވެހި ދައުަލަތުގެ މައްޗަށް ގަދަވެގަންނަ ހާލަތަކީ ނުރައްކާތެރި އަދި ބިރުވެރި ހާލަތެއް ކަމަށެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދިވެހި ދައުލަތާއި މުސްލިމް ރައްޔިތުން އަދި ދިވެހި ގައުމުގެ ދީނީ އަދި އިޖުތިމާއީ އެންމެހައި މަސައްލަހަތު ތައް ގެއްލި ހިނގައިދާނެ ކަމަށެވެ.

މީގެ އިތުރުން ޑރ. އިޔާޟް ވަނީ، "ސެލްފް އެޕޮއިންޓެޑް" ޝެއިޚުންތަކެއް ތިބިކަން އެނގޭ ފަރާތްތަކުން އެފަދަ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އަދި އެފަދަ ބަޔަކު ތިބި ނަމަ އެފަރާތްތަކަށް ރާއްޖޭގެ ދީނީ އިލްމުވެރިން ރީތި ނަސޭހަތާއި ހެޔޮ ވަޢުޟުގެ ޒަރިއްޔާއިން ހެޔޮ މަގަށް އެޅުވުމަށް މަސައްކަތް ކުރާނެ ކަން ޔަޤީން ކަމަށް ވެސް ޑރ. އިޔާޟް ވިދާޅުވިއެވެ.