އުތުރު އެމެރިކާ ބައްރުގެ ބައެއް ހިސާބުތައް އެންޓާޓިކާ އަދި މާސްގެ ބައެއް ހިސާބުތަކަށް ވެސް މިހާރު ފިންޏެވެ.
ކެނެޑާ ސަރުކާރުން ވަނީ މި ދުވަސްކޮޅަކީ އާދަޔާޚިލާފަށް ފިނި ދުވަސްކޮޅެއް ކަމަށް އިއުލާންކޮށް ރައްޔިތުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ބުރާސްފަތި ދުވަހުގެ ފިނިހޫނުމިނަށް ބަލާއިރު ޕްލެނެޓް މާސްގެ ފިނިހޫނުމިން ހުރީ 9.4- ޑިގްރީ ފެރެންހައިޓްގަ އެވެ. ނަމަވެސް މިއީ ކެނެޑާގެ މޮންޓްރެއާލް ގެ ފިނިހޫނިމިނާ އަޅާ ބަލާ އިރު މާސް ކުޑަ ތަންކޮޅެއް ހޫނު ކަމަށް ނިއުސްވީކުން ރިޕޯޓުކޮށްފައިވެ އެވެ.
ނާސާ އިން ބުނާ ގޮތުގައި މާސްގެ ފިނިހޫނުމިން ވަރަށް އަވަހަށް ބަދަލުވެ އެވެ.
މިއަދު މާސްގެ ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ބެލެވެނީ 9.4- ޑިގްރީ ފެރެންހައިޓަށެވެ. އަދި ދަށްވާ އިރު މިއަދު މާސްގެ ފިނިހޫނުމިން 112- އަށް ދަށް ވާނެ ކަމަށް ބެލެވެ އެވެ. މާސްގެ ފިނިހޫނުމިން ދަށްވެގެން ގޮސް 225- އަށްވެސް ވެއްޓިފައިވެ އެވެ.
ފިނި މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު އާދަޔާޚިލާފަށް ފިނިކަން ތަޙައްމަލް ކުރަމުން އައި ނަމަވެސް މިދިޔަ އަހަރު ދުނިޔެ ހެދި އެންމެ ހޫނު އަހަރުގެ ރެކޯޑް މި އަހަރު ހަތަރު ވަނަ ފަހަރަށް ދުނިޔެ މުގުރާލާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.
މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން ފާއިތުވެދިޔަ ތިން އަހަރު ދުނިޔޭގެ ހޫނުމިން ވަނީ ރެކޯޑު ކުރެވުނު އަދަދަށް ވުރެ މައްޗަށް ގޮސްފަ އެވެ. ކޮންމެ އަހަރެއް ނިމިގެންދާ އިރު އޭގެ ކުރީ އަހަރުގެ އަދަދު ފަހަތަށް ޖައްސާލާފައިވެ އެވެ.