Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުން ކުރި ޚަރަދަށް ވުރެ ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމުލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިމުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 18.01 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން އާމްދަނީގެ ގޮތުގައި ސަރުކާރަށް ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 277.6 މިލިއަން ރުފިޔާ އަރަނި ވެފައެވެ. މިއަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ފޮނުވީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް އަހަރު ނުނިމެނީސް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލެމެންޓްރީ ބަޖެޓެއް ފޮނުވާފައެވެ. އަހަރަށް ކަނޑައެޅި ބަޖެޓުން ކުރަން ޖެހޭ ޚަރަދުތައް ފޫނުބެއްދޭނެ ކަމަށްބުނެ މަޖިލީހަށް ހުށައެޅި 493 މިލިއަން ރުފިޔާގެ ސަޕްލެމެންޓްރީ ބަޖެޓުވެސް ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

އަދި އެ ސަޕްލެމެންޓްރީ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާތީ އެމެމްބަރުން ތަމްސީލު ކުރެއްވި ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ފައިސާ ހިމަނާފައެވެ.

ނަމަވެސް އަހަރު ނިމެން އެންމެ ދުވަހަކަށް ވެފައިވާއިރު އަދިވެސް ބައި އިލެކްޝަން ބާއްވާނެ ދުވަހެއްވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައެއް ނުވެއެވެ.