ނިމިގެން ދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2017 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ލިބުނު 26.7 ބިލިއަން ރުފިޔާއިން ދައުލަތުގެ ޚަރަދުތައް ފޫނުބެއްދޭނެ ކަމުގެ ރެޑު ސިގްނަލް ލިބުމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ މިދިޔަ އޮކްޓޯބަރު މަހުގައި ސަޕްލެމެންޓްރީ ބަޖެޓެއްގެ ގޮތުގައި ޚަރަދު ފޫބެއްދުމަށް ކަމަށް ބުނެ 493 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށައަޅާފައެވެ.
ސަޕްލެމެންޓްރީ ބަޖެޓުގެ 493 މިލިއަން ރުފިޔާގެ ތެރެއިން 330 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ސިއްޚީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށެވެ. އަދި ބަޖެޓުން ވަނީ 26 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް (އޭރު) އިއުލާންކޮށްފައިވާ ހަތަރު މެމްބަރުން ތަމްސީލު ކުރެއްވި ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ކަނޑައަޅާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބައި އިލެކްޝަން ބޭއްވުމަށް ފޮނުވި އަދަދަކީ އިލެކްޝަންސް ކޮމިޝަނުން ހުށައެޅި އަދަދަށްވުރެ ސާދަ މިލިއަން ރުފިޔާ އިތުރު އަދެދެކެވެ. މެމްބަރުންގެ ބައި އިލެކްޝަންތައް ބޭއްވުމަށް ހިނގާނެ ޖުމުލަ ޚަރަދުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ހުށައެޅީ 12 މިލިއަން ރުފިޔާއެވެ. ނަމަވެސް ފިނޭންސުން މަޖިލީހަށް ބަޖެޓު ހުށައެޅިއިރު ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާ ވަނީ ޖަހާފައެވެ.
ކޮންމެއަކަސް މިނިސްޓްރީން ހުށައެޅި ގޮތަށް، އިތުރު އެއްވެސް އުނިއިތުރެއް ގެނައުމަކާ ނުލާ ސަޕްލެމެންޓްރީ ބަޖެޓުވެސް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. އަދި ކޮމިޓީއަށް ބަޖެޓު ފޮނުވުމުން ކޮމިޓީއިން ވެސް ވަނީ އިތުރު ބަދަލެއް ގެނައުމަށް ނުފެންނަ ކަމަށް ބުނެ ފިނޭންސުން ހުށައެޅި ގޮތަށް ބަޖެޓު ފާސްކޮށްފައެވެ.
އަހަރު ނިމެން އެންމެ ދުވަހަކަށް ވެފައިވާއިރު މިއަހަރު ތެރޭ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަން ވަނީ އިއުލާނު ކުރެވިފައެވެ. މެމްބަރުންގެ ގޮނޑި ގެއްލުނުކަން އިއުލާން ކުރަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި މެމްބަރެއްގެ ގޮނޑި ގެއްލުނުކަން އިއުލާނުވެވޭ ދުވަހުން ފެށިގެން 60 ދުވަސް ތެރޭ އެ ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެކެވެ.
ބޭނުންވާ ބަޖެޓު ލިބުނު ނަމަވެސް މިހާތަނަށް އިންތިޚާބު ބާއްވާފައިނުވާއިރު ނުބާއްވާ ސަބަބެއްވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު ގޮނޑި ގެއްލުނު އެއްވެސް މެމްބަރަކު އެމެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލެއް ނުކުރެއެވެ.
ސަބަބަކަށް މެމްބަރުން ބުނަނީ މެމްބަރުން ޕާޓީ ބަދަލުކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ ކުރިން އެ ހުރިހާ މެމްބަރުންވެސް ވަނީ ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވަކިވިކަން އަންގާ ސިޓީ ފޮނުވާފައި ކަމަށެވެ. ޕީޕީއެމުން މެމްބަރުން ވަކިކޮށްދެވެން ނެތް ކަމަށް އަންގާފައިވަނީ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިންނާއި ފަހުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރާއި ޕާޓީގެ އިސް ބައެއް މެމްބަރުން ވަނީ ވަކިވެ ވަޑައިގަތް މެމްބަރުން އަނބުރާ ޕާޓީއަށް ރުޖޫއަ ވުމަށް ގޮވާލާފައެވެ. ނަމަވެސް މެމްބަރުން އެ ގޮވާލުމަށް އިޖާބަ ނުދިނުމުން ޕީޕީއެމުން ވަނީ މެމްބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.
އަދި ގާނޫނު އަސާސީއިން ހަގީގީ ބާރެއް ދީފައިނުވާ ހިނދުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މެމްބަރުން ވަކިވިކަން އިއުލާންކޮށްފައެވެ. ޖވާބުގައި މިހާރު އިދިކޮޅު އިއްތިހާދުގައި ހަރަކާތްތެރިވާ މެމްބަރުން ބުނެފައިވަނީ ކޮންމެ ވަގުތަކުން ބައި އިލެކްޝަން ބޭއްވި ނަމަވެސް އިންތިޚާބު ކާމިޔާބުކުރަން ތައްޔާރަށް އޮތް ކަމަށެވެ. އޮތީ ހަމަ އެންމެ ސުވާލެކެވެ. އިންތިޚާބު ނުބާއްވައިގެން އުޅެނީ ކީއްވެތޯއެވެ؟