Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

މައުންޓް އެވަރެސްޓަށް އެކަނި އެރުން މަނާކޮށްފި

މައުންޓް އެވަރެސްޓް.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް އެރުމަކީ ވަރަށް ގިނަ ބަޔަކު ހަޔާތުގައި އެއް ފަހަރު ނަމަވެސް ކޮށްލަން ބޭނުންވާ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކު އެތައް ބަޔަކު ނޭޕާލްއަށް ގޮސް އެވަރެސްޓުގެ އެންމެ ކޮޅަށް އެރުމުގެ މަސައްކަތް ފަށައެވެ.

ނަމަވެސް އެވަރެސްޓަށް އެރުމަކީ ބޮޑު އަދި ނުރައްކާތެރި ކަމަކަށް ވުމުން ނޭޕާލް ސަރުކާރުން ވަނީ އެކަނި ފަރުބަދައަށް އެރުން ބައިވެރިންގެ ސަލާމަތަށް ބަލައި މަނާކޮށްފައެވެ. އަލަށް ހެދި ގާނޫނުގެ ދަށުން އެކަނި އަރާ މީހުންނާއި ލޯފަން މީހުންގެ އިތުރުން އަނިޔާތަކުގެ ސަބަބުން ދެފައި ބުރިކޮށްލާފައިވާ މީހުންނަށް އެވަރެސްޓަށް ނޭރޭނެއެވެ.

ފަރުބަދައަށް އެރުން ރައްކާތެރިކުރުމަށް ނޭޕާލް ސަރުކާރުން ގާނޫނަށް ބަދަލު ގެނެސްފައިވާއިރު މިސީޒަނުގައިވެސް އެވަރެސްޓަށް އެރުމަށް މަސައްކަތް ކުރުމުގައި 6 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 85 އަހަރުގެ މީހަކުވެސް ހިމެނެއެވެ. އޭނާ މިފަހަރު އެވަރެސްޓަށް އެރީ އެވަރެސްޓަށް އެރި އެންމެ ދުވަސްވީ މީހާގެ ރެކޯޑު ހެދުމަށެވެ.

ނޭޕާލް ސަރުކާރުން ބުނެފައިވާ ގޮތުގައި 1920 ވަނަ އަހަރުން ފެށިގެން 200 އަށްވުރެ ގިނަ މީހަކު ވަނީ އެވަރެސްޓަށް އަރަން މަސައްކަތް ކުރަނިކޮށް މަރުވެފައެވެ.

މިއަހަރަކީ އެވަރެސްޓަށް އަރަން އެންމެ ގިނަ މީހުން މަސައްކަތް ކުރި އަހަރެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަށް ވަނީ ދަތުރު ފުރިހަމަ ނުކުރެވިފައެވެ.