އިރާނު ސަރުކާރާ ދެކޮޅަށް އެގައުމުގެ އެތައް ހާސް ރައްޔިތުން ނިކުމެ ކުރަމުންދާ މުޒާހަރާތަކަކީ ގާނޫނާއި ޚިލާފު މުޒާހަރާތަކެއް ކަމަށާއި އެފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް އިރާނު ސަރުކާރުން ގޮވާލައިފިއެވެ.
ކޮރަޕްޝަނާއި ދިރިއުޅުމުގެ ހާލަތު ދަށްވެ ވެރިރަށް ޓެހުރާނުގައި ބުރާސްފަތި ދުވަހު ފެށި މުޒާހަރާތައް ވަނީ އިރާނުގެ އެކި ސިޓީތަކާ ހަމައަށް ފޯރާފައެވެ. ގިނަ ބަޔަކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު އަދިވެސް މުޒާހަރާ ހުއްޓާލުމަށް ބައިވެރިން އުޅޭ ތަނެއް ނުފެނެއެވެ.
އިރާނުގެ އެތެރޭގެ މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން "ގާނޫނާއި ޚިލާފު" އެއްވުންތަކުގައި ބައިވެރިނުވުމަށް ގޮވާލާފައެވެ. އޭގެ ސަބަބުން ތިމާއަށާއި އެހެން ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މުޒާހަރާތަކާއި ހަމަނުޖެހުންތަކަކީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށް އިރާން ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ސަރުކާރާ އެއްކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަން ފަށާފައެވެ.
މިކަމާ ގުޅިގެން ރޭ އެމެރިކާއިން ވަނީ އިރާނު ސަރުކާރަށް، މުޅި ދުނިޔެ އިރާނުގެ ހާލަތު ބަލަމުންދާ ކަމަށް ބުނެ މެސެޖެއް ފޮނުވާފައެވެ. އިރާނުން ދެކޭގޮތުގައި ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން ފޮނުވި އެމެސެޖަކީ ބޭއަދަބީ މެސެޖެއް ކަމަށް ތުހުމަތުކޮށްފައެވެ.