Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ޔުނައިޓެޑް އަނެއްކާވެސް އެއްވަރުވެ ތިންވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސަދަމްޕްޓަން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑު އަމިއްލަ ދަނޑުގައި ކުޅެ ޖެހިޖެހިގެން ދެވަނަ މެޗު އެއްވަރުވެފައިވާއިރު މިއީ ޔުނައިޓެޑު ލީގުގައި ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ. އަދި މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތަރުވަނަ މެޗެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުގެ ފޯވާޑް ލުކާކޫގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. ދަނޑުގައި އޭނާއަށް ފަރުވާ ދީފައިވާއިރު މެންޗެސްޓާ ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި އެމަޖެންސީގައި ހޮސްޕިޓަލަށް ގެންނަން ޖެހޭ ވަރުގެ އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް ލުކާކޫގެ އަނިޔާއާ ގުޅިގެން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށްވެސް ލިބިފައިވާއިރު ރޭގެ މެޗުގައި ސަދަމްޓަންގެ ނުރައްކާތެރި ހަމަލާތައް ގިނަކަން ފާހަގަކޮށްލެވެއެވެ.

މެޗުން އެއްވަރުވެ ލީގު ތާވަލުގެ ތިންވަނައަށް ޔުނައިޓެޑު ވެއްޓިފައިވާއިރު ތަށި ހޯދުމަށް ކުރި ދަތުރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. ނަމަވެސް އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ސީޒަން ރަނގަޅު ކުރުމަށް އަދިވެސް ފުރުސަތު އެބައޮތެވެ.