Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

އިއްތިހާދުން ކެންޑިޑޭޓްގެ މަޝްވަރާ އަށް މަންދޫބުން ހޮވައިފި

އިދިކޮޅު އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސުގެ ތެރެއިން: ފޮޓޯ - ވީމީޑިޔާ

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނެރޭ ކެންޑިޑޭޓު އައްޔަން ކުރުމަށް ބާއްވާ މަޝްވަރާއަށް ކޮންމެ ޕާޓީއަކުންވެސް ދެމަންދޫބުން ފޮނުވައިފިއެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުގެ އިތުރުން ޖުމުހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ހިމެނޭ ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ނެރޭނީ އެއް ކެންޑިޑޭޓަކު ކަން އެންމެ ފުރަތަމަ އިއުލާނުކުރީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

އަދި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިހާރު މަންދޫބުން ޕާޓީތަކުގެ ތެރެއިން ކަނޑައަޅައި ލީޑަރުންނަށް ފޮނުވާފައިވާއިރު އެމްޑީޕީން ފޮނުވާ ދެ މަންދޫބުންނަކީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އަދި ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހް(އިބޫ) ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕީޕީއެމް، ރައީސް މައުމޫން ފެކްޝަނުން މަންދޫބުންގެ ގޮތުގައި ފޮނުވާފައިވަނީ މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ އިތުރުން އާމިނަތު ނާދިރާއެވެ. އަދި ޖުމުހޫރީ ޕާޓީގެ މަންދޫބުންގެ ގޮތުގައި ޕާޓީގެ ނައިބު ލީޑަރުން ކަމަށްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ހުސެއިން ރަޝީދު ހަސަންގެ ނަން ވަނީ ފޮނުވާފައެވެ.

އަދާލަތު ޕާޓީން ފޮނުވި ދެ ނަމަކީ ޕާޓީގެ ރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މަޝްވަރާތައް ރަސްމީ ގޮތުން ފަށާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.