Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

"ކެންޑިޑޭޓް އައްޔަންކޮށް، މޭ މަހު ކެމްޕޭން ފަށާނަން"

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު އައްޔަންކޮށް ކެމްޕޭން ރަސްމީކޮށް މެއި މަހު ފަށާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް ހަސަން ވިދާޅުވީ ވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައްޔިތުންނަށް ކުރިމަތި ކުރުވާފައިވާ ބިކަ ހާލުން މިންޖުކޮށް ހައްގު މަގަށް ގައުމު އެޅުވުމަށް މަގު ޗާޓެއް އެކުލަވާލެވިފައިވާ ކަމަށެވެ.

އެގޮތުން އެމްޑީޕީން ނިންމާފައިވާ ގޮތުގައި މާޗް މަހު ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ފަހު ކާމިޔާބު ކުރާ ކެންޑިޑޭޓަކާ އެކު އިންތިޚާބުގެ ކެމްޕޭން އެމްޑީޕީން މޭ މަހު ފަށާނެ ކަމަށް ވިދާޅުވި އެވެ.

އަދި މެނިފެސްޓޯގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި އޭގެ މަސައްކަތް އެއްކޮށް މޭ މަހު ކެމްޕޭން ފެށުމުގެ ކުރިން ނިންމައިލުމަށް ރާވާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ އެކުލެވޭ ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މިހާރު ވަނީ ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ އަށް މަންދޫބުން އައްޔަން ވެސް ކޮށްފަ އެވެ.