Last Updated: July 1, 20:14
Wednesday, July 1, 2026
ރިޕޯޓް

ތަރައްގީ އަށް "އައްޑޫ ރައްޔިތުންގެ އަޑު" ބޭނުން!

ދިވެހި ރާއްޖޭގެ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އައްޑޫގެ އަސްްލު ހާލަތަކީ ކޮބައި ހެއްޔެވެ؟ އަބާދީ އަށް ބޭނުންވާ ސިއްޙީ ހިދްމަތް އެބަ ލިބޭ ހެއްޔެވެ؟
ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް އެބަ ލިބޭ ހެއްޔެވެ؟ އިގްތިސާދީ މާބޮޑު ވަސީލަތެއް ހުޅުވިފައި އެބަވޭ ހެއްޔެވެ؟ ރައްޔިތުން އުޅެނީ ފުދިގެން ހެއްޔެވެ؟

މިހިރީ ހައްތާ ވެސް އުފެދި ޖަވާބު ބޭނުންވެފައިވާ އާއްމު ސުވާލުތަކެވެ. މި ހުރިހާ ސުވާލަކަށް ވެސް އޮތީ ކުރު އެންމެ ޖަވާބެކެވެ. އާބާދީ އާ އަޅާ ބަލާއިރު އެންމެ ހާލުގައި އުޅެނީ އައްޑޫ ރައްޔިތުންނެވެ.

އައްޑޫގެ ހަގީގީ ތަރައްޤީއަށް މިހާރު ބޭނުންވަނީ "އައްޑޫ ރައްޔިތުންގެ އަޑެވެ". އައްޑޫ ރައްޔިތުންގެ އަޑު މަޑުވުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އައްޑޫ ވަނީ 50 އަހަރު ފަހަތަށް ގޮސްފަ އެވެ. އެހެންވެ މިއަދު މިވަނީ ރައްޔިތުންގެ އަޑު ގަދަ ކުރަންވެފަ އެވެ.

މުސްކުޅިން ބުނާ ހަރުބަހެއް އޮވެއެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެެވެ. އެމިސާލު މިއަދު މިވަނީ އައްޑޫއަށް ކުރިމަތިވެފައެވެ. ރާއްޖެ ޑިމްކްރަސީއަކަށް ހުޅުވި ފައްކާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އައްޑޫ ރައްޔިތުންނެވެ. ނަމަވެސް ޑިމްކްރަސީގެ ބޭނުން އައްޑު އަށް ނުކުރި އެވެ.
އައްޑޫގެ އާބާދީ އާއި އަޅާބަލާއިރު އައްޑޫގެ އަޑު ވަރަށް މަޑެވެ. ތަފާތު ސިޔާސީ އޮއިވަރުގައި ޖެހި އައްޑޫގެ އަޑުވަނީ ބައިބައިވެ، މަޑުވެފަ އެވެ. އެހެންވެ ތަރައްޤީ ދިޔައީ އައްޑޫ އާއި ދުރަށެވެ. ހދ. ހަނިމާދޫން ފުރައިގެން ރާއްޖޭން ބޭރަށެވެ.

އައްޑޫ ތަރައްޤީ ކުރާނެ ވާހަކައަކީ ވެރިކަމަށް އަންނަން މަސައްކަތް ކުރާ ލީޑަރުން އައްޑޫގެ ރައްޔިތުންގެ ހިތް ފަތަހަ ކުރާ ޖުމްލައެވެ. އެޖުމްލަ އިވުމުން އައްޑޫ ރައްޔިތުން ބަސްއަހައިގެން ގެއަށްވަދެ ނިދައެވެ. ވެރިކަމަށް އަންނަ މީހަކު ހިތު ހުރި ދުވަހަކަށް ވެރިކަން ކޮށް ނުވަތަ ވެރިކަމުގައި ހުރެފައި "މަޖްބޫރުވެގެން" ވެރިކަން ދުކޮށް ދާއިރުވެސް މި ތިބެނީ ނިދާފައެވެ. ހަމަ އެއްކަލަ ނަންބޯޑު އެޅުވި އެއާޕޯޓާއި، ގޮނޑުދޮށެއް ނެތިގެން ނުހިންގުނު ހެރެތެރެއަށް ވާނެ އެއްޗެއް ބަލާށެވެ. އެކަމާއި ސަރުކާރުން ބުނާ ބަހެއް އަޑުއަހަން ޕާޓީ އޮފީސް ދޮށުގައި ނުވަތަ، ގޭގެ ސިޓިން ރޫމްގައި ޓީވީ ބަލާށެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުން ފެންނަނީ އެރައްޔިތުން ބޭނުން ކަން ކުރުވުމުގައި އެންމެން އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރާ މަންޒަރެވެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް ތަރައްޤީއާއި ދިމާލަށް ދަތުރުކުރާ މަންޒަރެވެ. ދާދި ފަހުން ގއ. ކޫޢްޑޫގައި ހުރި މަސްބަންދުކުރާ ކާރުޙާނާގެ ބައެއް އައްޑޫއަށް ބަދަލުކުރަން ނިންމި ހިސާބުން ގއ. ވިލިގިލީ ރައްޔިތުން ވަނީ ނިކުމެ އެކަން ހުއްޓުވާފައެވެ. އެކަހަލަ އެތައް މިސާލެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން އެބަހުއްޓެވެ.

ގަމުގެ ވައިގެ ބަނދަރުގައި "އިންޓަނޭޝަނަލް" ނަންބޯޑު އަޅުވައިގެން ތިއްބާ ހދ. ހަނިމާދޫން ވަނީ އިންޓަނޭޝަނަލް ދަތުރުތައް ފަށާފައެވެ. އަދިވެސް އައްޑޫ ރައްޔިތުންތިބީ ގަން އެއާޕޯޓް ތަރައްޤީވެ، ބައިނަލް އަގްވާމީ ދަތުރުތައް ފަށައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައިއެވެ. އެކަމަށް އެދި ތިބި "ރައްޔިތުންގެ އަޑެއް" ކަމާއި ބެހޭ ފަރާތަކަށް އިއްވިފައި ނުވެއެވެ.

އައްޑޫއަށް ތަރައްޤީ ގެނެވޭނީ ރައްޔިތުންގެ އަޑު ސިދާ އިއްވައިގެންނެވެ. އައްޑޫގެ ސިއްހީ ހާލަތު ހުރި ގޮތުގެ އަޑު އިއްވައިގެންނެވެ. އަންހެނުންނަށް ހާއްސަ އެންމެ ޑޮކްޓަރަކު ހުރި ވާހަކަ އެންމެން އެއް އަޑަކުން އިއްވައިގެންނެވެ. އާ ހޮސްޕިޓަލް ނޭޅި ލަސްވެގެން ތިބި ރައްޔިތުން އެކުގައި އެ އަޑު ސަރުކާރުގެ "ކަންފަތަށް" އިއްވައިގެންނެވެ.

އާއްމުކޮށް ސަރުކާރުގެ ކަންފަތަކީ ބީރު ކަންފަތަކެވެ. އެންވެ ޖެހޭނީ އެހެން ހިސާބުތަކުގެ ރައްޔިތުން ހަދާހެން ތާޅަފިލިހިފައިގެން ނިކުމެ ސަރުކާރުގެ ކަންފަތުގެ ދަށުގައި ތިބެ އަޑުގަދަ ކުރާށެވެ.

ވަޒީފާނެތި ކިޔަވައިގެން ތިބި ޒުވާނުންގެ އަޑުވެސް ސަރުކާރަށް އިއްވަން ވީއެވެ. ސިލްސިލާކޮށް މިހާރު ފަށާފައިވާ ހަރަކާތް ހުއްޓުމެއް ނުގެނެސް އިންތިޒާމުކުރެވިގެން ކުރިއަށްގެންދަންވީއެވެ. އައްޑޫ ރައްޔިތުންގެ އަޑު ހަގީގީ މާނައިގައި ސަރުކާރަށް އިއްވައިފިނަމަ އެކަމުގެ ފައިދާ އައްޑޫއަށް ކުރާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އާބާދީގެ އަޑު މިހާތަނަށް ސަރުކާރަށް އިއްވިފައި ނުވުމަކީ އައްޑޫ މިއަދު މިތިބި ހާލުގައި ތިބެން ޖެހުނު އެންމެ ބޮޑު އެއްސަބަބެވެ. ސިޔާސީ ރެލީތަކުގައި އައްޑޫގެ ރުކުރާލެފިވައިވާ ސަފުތަކާއި، ވެހިކަލް ބުރުތައް ބަލަން އެއްވެސް އިރެއްގައި ސަރުކާރުގެ ލަނގޮޑިއަށް ކެތްކުރެވިފައިނުވެއެވެ. އެހެންވެ ސިޔާސީ ފަރާތަކުން އައީ އައްޑޫ ރައްޔިތުން ބައިބައިކޮށް އަޑު މަޑުކުރުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ.

ނަމަވެސް ވިސްނަންވީ ހުރިހާ ދުވަހަކު އައްޑޫ ރައްޔިތުންގެ ބޮލަށް "ޗިޕް" ޖަހައިގެން ތިމާމެން ބޭނުން ގޮތަކަށް އައްޑޫ ރައްޔިތުން ނުގެންގުޅެވޭނެކަމަވެ. މިއަދު މިވަނީ އެދުވަސް އައިސްފައެވެ. ފޭދޫ ބަނދަރު ސަރަހައްދުގައި ފަށާފައިވާ "އައްޑޫ ރައްޔިތުންގެ އަޑަކީ" އޭގެ އެއްމިސާލެވެ.

މިފަހަރު އައްޑޫ ރައްޔިތުންގެ އެއްބައިވަންތަކަމާއި، ހެޔޮވިސްނުން ކުރިއަށް ނެރެ، ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ގޮވާލައި އެއަޑު ސަރުކާރަށް އިއްވާނެއެވެ. އައްޑޫގެ ސިއްޙީ ހިދްމަތް ރަނގަޅުކޮށް އައްޑޫގައި ބިނާކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށް އެކަން ކުރުވުމަށް ބާރުއަޅައި ކޮންމެ ކޮންމެ ދުވަހަކު ރައްޔިތުންގެ އަޑު މެދު ނުކެޑި އިއްވާނެއެވެ. ހެރެތެރެ އާއި ޝަންގްރިއްލާ އަދި ހަންކެޑެގެ ނަފާ އެންމެ ހެޔޮ ގޮތުގައި ކުރާނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާއި ބެހޭފަރާތަކުން އިހްމާލްވެފައިވާ ކަން ކަން އިސްލާހުކުރަންދެން އަޑު އުފުލާށެވެ.

ގަމުގެ ވައިގެ ބަނދަރުގެ ތަރައްޤީއަކީ އައްޑޫ އާއި ދެކުނުގެ ތަރައްޤީގެ ނާރެސްކަން އެގިތިބެ، ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ނުކޮށް ހުވަދޫ އެއާޕޯޓް ބައިނަލްއަގްވާމީ ކުރުމަށް ގާސިމް އާއި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުވުމަށް ގޮވާލައި ސިލްސިލާކޮށް އަޑު އުފުލަންވީއެވެ.

މިގޮތުގައި ސާބިތުވެ ތިބެވިއްޖެ ނަމަ ގަމުގެ ވައިގެ ބަނދަރުވެސް ހަދާނެއެވެ. އައްޑޫގެ ސިއްހީ ހިދްމަތްވެސް ރަނގަޅުކުރާނެއެވެ. އިގްތިސާދީ އެހެން ހަރަކާތްވެސް ފަށާނެއެވެ. އޭރުން އައްޑޫ ރައްޔިތުން މަޑުން ނުތިބޭނެކަން ކަމާއި ބެހޭ އެންމެންނަށް އެނގޭނެއެވެ. ހަމަ އެއާއި އެކު އައްޑޫ ރައްޔިތުންގެ އަޑާއި އެކު އައްޑޫއަށް "ތަރައްޤީ ގައިމުވާނެ" ކަން "ޔަޤީން"އެވެ. އޭރުން އޮންނާނީ "ދޭތިން ފަހެތި" ހެދި ތަރައްޤީ މެކުހައް ޖަހާފައެވެ.