"ސާސްކަފުގެ 17" ގެ ނަމުގައި ސަރުކާރުން ތައްޔާރު ކުރި ހަ ފޮތް އެކުލެވޭ ކަލެކްޝަން ރޭ ރައީސް އަބްދުﷲ ޔާމީން ނެރެދެއްވައިފި އެވެ.
އެ ފޮތްތައް ނެރުނީ އާ އަހަރު ފާހަގަ ކުރަން ރޭ އަލިމަސް ކާނިވަލްގެ ޝޯގަ އެވެ.
"ސާސްކަފުގެ 17" އަކީ ވަކި ހަ ބަޔަކަށް ބަހާލައިގެން ވޭތުވެ ދިޔަ 17 އަހަރު ތެރޭ ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ މުހިންމު އެކިއެކި ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
* ފޮތް ބަހާލެވިފައިވާ ހަބައިގެ ތެރޭގައި ހިމެނެނީ:
1. ދިވެހިރާއްޖޭގެ ވެރިކަމާއި އިދާރީ ހިންގުން
2. މާލިއްޔަތާއި އިޤުތިޞާދު އަދި ރަށްވެހިކަމާއި އުމުރާނީ ތަރައްޤީ
3. ކާރިސާތަކާއި ބޮޑެތި ހާދިސާތައް، ދާޚިލީ ޙަރަކާތްތަކާއި އަމަންއަމާންކަން
4. ތަޢުލީމާއި ޞިއްޙަތު
5. ޒުވާނުންނާއި ކުޅިވަރު
6. ޤައުމިއްޔަތާއި އިޖުތިމާއިއްޔަތު އަދި މީޑިއާ އާއި ޓެކްނޮލޮޖީ
"ސާސްކަފުގެ 17" އެކުލަވާލީ އެކަމަށް ކަނޑައެޅި ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.