Last Updated: June 15, 20:30
Monday, June 15, 2026
ޚަބަރު

ސީޕްލޭނެއް ވެއްޓި ހަ މީހަކު މަރުވެއްޖެ

އޮސްޓްރޭލިޔާގެ ސިޑްނީގައި ސީޕްލޭނެއް ވެއްޓި ހަމީހަކު މަރުވެއްޖެއެވެ. މިހާދިސާގައި ބޯޓު ވެއްޓިފައިވަނީ ކޯރަކަށެވެ.

މިހާދިސާގައި ބޯޓުން ދަތުރުކުރި ހަ މީހުންވެސް މަރުވެފައިވާއިރު ބޯޓު ވަނީ ވެއްޓުނު ކޯރުގެ 13 މީޓަރު އަޑިއަށް ގޮސްފައެވެ. ވެއްޓުނު ބޯޓަކީ އޮސްޓްރޭލިޔާގެ ސައިޓްސީންގ ކުންފުންޏެއް ކަމަށްވާ ސިޑްނީ ސީޕްލޭންސް އަށް ނިސްބަތްވާ ބޯޓެކެވެ.

މަރުވި މީހުންގެ ތެރޭގައި ބޯޓު ދުއްވަން ހުރި އޮސްޓްރޭލިޔާގެ ޕައިލެޓުގެ އިތުރުން ދެން ތިބީ އިނގިރޭސި ވިލާތުގެ ފަސް މީހުންނެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

ބޯޓު ވެއްޓެން ދިމާވި ސަބަބުން އަދި އެނގިފައިނުވި ނަމަވެސް މަންޒަރު ދުށް ފަރާތަކުން ބުނެފައިވަނީ ކޯރު ތެރެއަށް ވެއްޓުމުގެ ކުރިން ކަނާތް ފަރާތަށް ވަރަށް ބޮޑަށް އަޅާފައިވާ ކަމަށެވެ.