މީލާދީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރޭ މާލޭގައި ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި ޝޯ އިން ފެނިގެން ދިޔައީ މުޅިންވެސް ފާޙިޝް އަމަލު ތަކާއި މުންކަރާތްތައް ކަމަށާއި އެކަން ތަހުގީގު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.
ސަލަފުގެ ނައިބު ރައީސް، ޝެއިޚް ހަސަން މޫސާ ފިކުރީއާ ހަވާލާދީ "ރާއްޖެ އެމްވީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޣައިރު މުސްލިމުން ގެނެސްގެން އަރައިގަތް މުންކަރާތްތައް ސަލަފު ޖަމިއްޔާއިން ކުށްވެރި ކޮށްފައިވެއެވެ.
އަދި އެފަދަ މުނާސަބުތައް ފާހަގަ ކުރުމުގެ ނަމުގައި ހިންގާ ފާޙިޝް އަމަލުތަކާއި މުންކަރާތްތައް ހުއްޓުވުމަށް ކުރެވެން އޮތް ކަމެއް ކުރުމަށް ހޯމް މިނިސްޓްރީ އަށް އެދި ހުށައަޅާނެ ކަމަށް ޝެއިޚް ވިދާޅުވެފައިވެއެވެ.
އަދި ރޭގެ ޝޯ ދައުލަތުގެ ޓީވީ ޗެނެލް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައިވާތީ އެފަދަ ކަންތައް ތަކުރާރު ނުކުރުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް މައްސަލަ ހުށައެޅުމަށް ސަލަފުން ވަނީ ނިންމާފައެވެ.
އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ކާނިވަލް ސަރަހައްދުގައި ގެނެސްދިން ޝޯ ގައި ނިވާކަން ކުޑަ ހެދުމުގައި ފަންނާނުން ނަށާފައިވާ ކަމަށް ބުނެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އަދި ރަސްމީ ގޮތެއްގައި ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ.