މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާ 12 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ.
ސައުދީ ސަރުކާރާއި ސައުދީ ރަސްގެފާނުގެ އެހީގެ ދަށުން މިސްކިތްތައް އަޅާ ރަށްތަކަކީ ރ. ރަސްގެތީމު، ގދ. ދެއްވަދޫ އަދި ގައްދޫ، ތ. ދިޔަމިގިއްޔެވެ. އަދި މީގެ އިތުރުން މާލޭގައިވެސް އާ މިސްކިތްތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މިއަހަރު ތެރޭ ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި އަޅަމުންދާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ނިމިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ނިމިގެން ދިޔަ 2017 ވަނަ އަހަރުގައި 19 މިސްކިތެއް އިމާރާތް ކޮށް ބޭނުން ކުރަން ފަށާފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.