Last Updated: June 15, 18:15
Monday, June 15, 2026
ޚަބަރު

ސައުދީ އާއި ޔޫއޭއީން ޓެކްސް ނަގަން ފަށައިފި

އާ އަހަރު ފެށުމާއެކު އެކުވެރި އަރަބު އެމިރޭޓްސް އަދި ސައުދީ އަރަބިއްޔާއިން އާންމުގެ އަތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނަގަން ފަށައިފިއެވެ.

އަރަބި ޖަޒީރާގެ އިތުރުން ދުނިޔޭގައިވެސް މުއްސަނދި ދެ ގައުމު ކަމަށްވާ ސައުދީއާއި ޔޫއޭއީ އިން ޖީއެސްޓީ ނަގަން މިފެށީ މުޅިން އަލަށެވެ. އަދި ދެގައުމުންވެސް ޓެކްސްގެ ގޮތުގައި ނަގަން ފެށީ ފަސް ޕަސެންޓެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނަގަން ފަށާފައިވާއިރު ޓެކްސް ނުނެގުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތަކާއި ބޭންކު ޚިދުމަތްތަކުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުންނެވެ. އެނާޖީ ޑްރިންކާއި ސިނގިރޭޓާއި ޕެޓްރޯލު އަދި ކާނާގެ ބާވަތްތަކާއި އެހެނިހެން ޔޫޓިލިޓީ ބިލުތަކުންވެސް ދެން ޖީއެސްޓީގެ ގޮތުގައި ފަސް ޕަސެންޓު ނެގޭނެއެވެ.

ޓެކްސް ފްރީ ގައުމުތަކުގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ދެގައުމުން އެންމެ ފަހުން ޓެކްސް ނަގަން މަޖުބޫރުވީ ތެލުގެ އަގު ވެއްޓި، ގެއްލުމާއި ކުރިމަތިލާން ޖެހުމުންނެވެ. ސައުދީގެ އާމްދަނީގެ %90 އަދި ޔޫއޭއީގެ %80 ތެލަށް ބަރޯސާ ވެފައި އޮތްއިރު ތެލުން ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށްވެ، ގެއްލުމާއި ކުރިމަތިލާން ދެގައުމަށްވެސް ވަނީ ޖެހިފައެވެ.

ސައުދީއާއި ޔޫއޭއީއިން ޓެކްސް ތައާރަފް ކޮށްފައިވާއިރު ކުވެއިތާއި ބަހުރެއިން އަދި އޮމާންގެ އިތުރުން ޤަތަރުންވެސް ވަނީ ޓެކްސް ތައާރަފް ކުރާނެ ކަމަށް ބުނެފައެވެ. އަންނަ އަހަރުގެ ކުރިން އެގައުމުތަކުން ވެސް ޓެކްސް ނަގަން ފަށާނެ ކަމަށް ގަބޫލުކުރެވެއެވެ.