Last Updated: June 15, 18:15
Monday, June 15, 2026
ޚަބަރު

ފާރިސްގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުންނަތާ 160 އަށްވުރެ ގިނަ ދުވަސްވެފައިވާތީ އެމައްސަލަ އދ. ގެ ކިން ގުރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށައެޅުމުގެ މަސައްކަތް ފާރިސްގެ ވަކީލުން ފަށައިފިއެވެ.

ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގައެވެ. އޭރު ފާރިސް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނުމަށްފަހު ފާރިސް ހައްޔަރުކޮށްފައިވަނީ ޝަރީއަތަށް ބޭނުންވާ ހެކި ލިބުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް ފާރިސްގެ މައްޗަށް އުފުލި ދައުވާއަކަށް ހުކުމެއް ކޮށްފައިނުވާއިރު ފާރިސްއަށް ލިބިގެންވާ އަސާސީ ހައްގުތަކަށް ކަނޑައެޅިގެން މިސަރުކާރުން އަރަމުންދާ ކަމަށްބުނެ ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝަރީއަތް ލަސް ކުރުމާއި އިސްތިއުނާފުގެ އަޑު އެހުންތައް ލަސްކުރުމާއި މައްސަލަ އިސްތިއުނާފުކުރި ބެންޗު، ގާނޫނާއި ޚިލާފަށް ބަދަލުކުރުން ފަދަ އެތައް ކަމެއް ގާނޫނާއި ޚިލާފަށް މައްސަލަ ދިގު ލައިގެން ދިއުމުގެ ނިޔަތުގައި ކޮށްފައިވާކަން ފާރިސްގެ ވަކީލުން ވަނީ މީގެ ކުރިން އެތައް ފަހަރަކު މަތިން ހާމަކޮށްފައެވެ.

އަދި ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުރި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ހާޒިރުކޮށްދީފައި ނުވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކަރެކްޝަނަލް ސާވިސް އަދި ރައްޔިތުންގެ މަޖިލީހުގެ އިހުމާލު އޮތް ކަމަށް ބުނެ ފާރިސްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހުރިހާ ކަމެއް އދ. ގެ ވޯކިން ގްރޫޕަށް ހުށައެޅުމަށް ފާރިސްގެ ވަކީލުން ތައްޔާރުވަމުން އަންނައިރު މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކުރި މައްސަލަ ވަނީ މި ވޯކިން ގްރޫޕަށް ހުށައެޅިފައެވެ. ނަމަވެސް ވޯކިން ގްރޫޕުން މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމަށް ދިވެހި ސަރުކާރުން އިޖާބަ ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.