Last Updated: June 15, 18:15
Monday, June 15, 2026
ޚަބަރު

ނިވާކަން ކުޑަވި މައްސަލާގައި މައާފަށް އެދިއްޖެ

އާއަހަރު ފާހަގަކުރުމަށް އެމްއައިޓީޑީސީން އިންތިޒާމުކުރި ޝޯ ގެ ޕޯސްޓަރެއް-

މީލާދީ އާއަހަރު ފާހަގަކުރުމުގެ ގޮތުން އާދީއްތަ ދުވަހުގެ ރޭ ސަރުކާރުން އިންތިޒާމްކޮށްގެން ކާނިވަލުގައި ބޭއްވި ޝޯގައި ނިވާކަން ކުޑަ ހެދުމުގައި ތިބި ފަންނާނުން ބައިވެރިކުރުމުން މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މައާފަށް އެދިއްޖެއެވެ.

ޝޯ އިންތިޒާމްކުރި އެމްއައިޓީޑީސީން ރައްޔިތުންގެ ކިބައިން މައާފަށް އެދި ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ޝޯގައި ނެށުން ހުށައަޅައިދިން ބައެއް ފަންނާނުންގެ ހެދުމަކީ އެފަދަ ހަރަކާތެއްގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ހެދުން ނޫން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އެކަން އެގޮތަށް ހިނގައި ދިއުމުން އެކުންފުނީގެ ނަމުގައި މައާފަށް އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެމްއައިޓީޑީސީން މައާފަށް އެދި ބަޔާނެއް ނެރެފައިވަނީ އާންމުންނާއި ދީނީ ބައެއް އިލްމުވެރިންގެ ވަރަށް ބޮޑު ފާޑުކިޔުންތައް ޝޯ އަށް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން ޖަމިއްޔަތުއް ސަލަފުން ވަނީ އެމައްސަލަ ކުށްވެރި ކުރާ ކަމަށާއި ތަހުގީގު ކުރުމަށް ހުށައަޅާނެ ކަމަށް ބުނެފައެވެ. އަދި އެފަދަ ކަންތައް ތަކުރާރު ނުކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ހޯމް މިނިސްޓްރީއަށް ހުށައަޅާނެ ކަމަށްވެސް ސަލަފުން ބުނެފައިވެއެވެ.

މީގެ އިތުރުން ސަލަފު ޖަމިއްޔާއިން ވަނީ އެ ޝޯ ވަގުތުން ދުރަށް ދައްކާފައިވާތީ އެމައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓީން ކޮމިޝަނަށްވެސް ހުށައަޅާނެ ކަމަށް ބުނެފައެވެ.