ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު ވާދަކުރަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޝާހިދު މިއަދު ދޮގުކުރައްވައިފިއެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތައް ކަމަށާއި އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ނަޝީދާއެކު ސާބިތުކަމާއެކު ހުންނެވި ކަމަށާއި ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތަށް ތާއީދެއް ނުލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައި އަޑު ފެތުރިފައިވާ ގޮތުގައި ނަޝީދާ ވާދަކުރުމަށް ޝާހިދު ނިންމާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 15 މެމްބަރުން ޝާހިދަށް ބައިއަތު ހިފައި، ނަޝީދާ ދެކޮޅަށް ތެދުވިފައިވާ ކަމަށެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ނިންމަވާފައިވާއިރު އޭނާ ވަނީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަން ޔަގީންވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އިންޑިޔާއާއި އެމެރިކާގެ ފިއްތުން ތަކުގެ ސަބަބުން ސަރުކާރަށާއި ރައީސް ޔާމީނަށް އިންތިޚާބުގައި ނަޝީދަށް ފުރުސަތު ދިނުން ނޫން އެހެން އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ.