Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި މެޝިންތަކެއް ނުނެރެވި ކަސްޓަމްގައި

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސްއާ ހަވާލު ކުރި ފަހުން އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދެވޭ މައްސަލައިގައި، ދިވެހި ޕާޓްނަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ސީޓީ ސްކޭން މެޝިނާއި އިކޯ ސައުންޑް މެޝިން ފަދަ މުހިންމު މެޝިނަރީސްތަކެއްް ކަސްޓަމްސްގައި ކްލިއާނުކޮށް ހުންނަތާ ދެ މަހާ ގާތްވެފައިވާކަން އެނގިއްޖެ އެވެ.

ޖޫން، 19، 2017 ގައި މަލްޓި ސްޕެޝަލިޓީ، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް އިންޑިއާގެ މަޝްހޫރު ނިމްސްއާއެކު ސަރުކާރުންވެފައިވާ އެއްބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ސީޓީ ސްކޭން އާ އެކޯ ސައުންޑް ފަދަ ހިދުމަތްތައް ދެވޭ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީ ކުރަންޖެހެއެވެ.

ނަމަވެސް ނިމްސްއާ އެކު ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ހަދާފައިވާ ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރުންގެ ފަރާތުން ހޮސްޕިޓަލް ތަރައްޤީކުރުމަށް ގެނެސްފައިވާ މެޝިނަރީސްތަކުގެ ކަސްޓަމްސް ކްލިއަރެންސް ނިންމުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް ނިމްސްއިން މިވަނީ ތުހުމަތުކޮށްފައެވެ.

މިކަމުގެ ސަބަބުން އެތަކެތީގެ ކަސްޓަމްސް ކްލިއަރެންސް ނުނިމި ދެމަހާ ގާތްވެފައިވާއިރު ، މިހާރު ޑެމަރޭޖްގެ ގޮތުގައި އެތައްހާސް ޑޮލަރެއް އަރާފައިވާ ކަމަށްވެ އެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ލަސްވާން ދިމާވި އެހެނިހެން މައްސަލަތަކުގެވެސް "ހަގީގަތް" ހާމަކޮށް ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ފަރާތުން ރައީސް ޔާމީނަށް 14 ސޮފްހާގެ ސިޓީއެއް މިހާރުވަނީ ފޮނުއްވައިފަ އެވެ.

އެ ސިޓީގައި، ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގައި އެ ކުންފުންޏަށް ދިވެހި ހިއްސާދާރުންގެ ފަރާތުން ކުރިމަތިކުރުވާފައިވާ ދަތިތަކުގެ ތަފްސީލް ވެސް ރައީސް ޔާމީނާ ހިއްސާ ކުރައްވާފައިވެ އެވެ.

ނިމްސް އަށް ކުރިމަތިވި ވަކިވަކި މައްސަލަތައް ތަފްސީލުކޮށް ސިޓީގައި ހިމަނާފައިވާ އިރު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރުންނާ މެދު ފައިސާގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެ މައްސަލަތަކުގައި ފިޔަވަޅު އަޅައިދޭންވެސް އެދިފައިވެ އެވެ.

މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނޫރުލް އިސްލާމް ކުންފުނިން ފޮނުވި މުވައްޒަފުންނާ މެދު ވަރަށް ބޭއަދަބީ އަދި އިހާނާތްތެރިކޮށް އަމަލުކޮށްފައިވާ ކަމަށާއި، ޑޮކްޓަރުން ގެނައުމުގައި ދަތިތަކެއް ދިވެހި ހިއްސާދާރުން ކުރިމަތިކުރުވާފައިވާކަމަމަށްވެސް އެކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.