Last Updated: June 15, 18:15
Monday, June 15, 2026
ޚަބަރު

ފާރިސް އަށް ކުރާ ދައުވާ ވަނީ ނަފީވެފައި: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ފާރިސްގެ ވަކީލުން މިއަދު ކޯޓުގައި އެދިވަޑައިގެންފިއެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވަނީ ކޯޓުގައި ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާ އެއް ކަމަށް ބުނެފައެވެ.

ރިޝްވަތު ހުށައެޅުމުގައި މެދުވެރިއެއް ކަމަށް ދައުލަތުން ބުނާ އަހުމަދު ޝާފިއު ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އެކަން ދޮގުކޮށް، އިންކާރުކޮށްފައިވާ ކަމަށާއި އެކަން ކުރުމަށް ބަޔަކު ބިރު ދައްކައި މަޖުބޫރު ކުރި ކަމަށް ޝާފިއު ބުނެފައިވާކަން މައުމޫން ހަމީދު ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ފާރިސްގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ހެކި އުފައްދާފައިވާ ކަން ސާބިތުވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. ރާއްޖެ ޓީވީގައި ޝާފިއު ގެނެސްދިން އިންޓަވިއުއިން އެނގޭ ގޮތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ އަސާސް ނަފީސްވެފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ދިފާއީ ހެކީގެ ގޮތުގައި ފާރިސްގެ ފަރާތުން ޝާފިއު ރާއްޖެ ޓީވީގައި ގެނެސްދިން އިންޓަވިއު ހުށައަޅަން ބޭނުންވާ ނަމަ އެ ރިޕޯޓު ޝަރީއަތަށް ހުށައެޅުމުގެ ފުރުސަތު އަރުވާފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވާއިރު ހައްޔަރުކުރުމުގެ ކުރިންނާއި އަދި ހައްޔަރުކުރި ފަހުންވެސް ފާރިސް ވަނީ އޭނާއާ ދެކޮޅަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ދުވަހަކުވެސް ރިޝްވަތު ދީފައިނުވާނެ ކަމަށް ފާރިސް ބުނެފައިވާއިރު އޭނާއާ ދެކޮޅަށް ހެއްކެވެސް ނުހުންނާނެ ކަމަށް ފާރިސް ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ ފާރިސްގެ އެޕާޓްމެންޓް ފާސްކޮށްގެން ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ.