އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ފްރާންސުގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ލޫކަސް މޯރާ ހޯދަން މަސައްކަތް ކުރާ ކަމަށް އަޑު ފެތުރެން ފަށައިފި އެވެ.
އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު، ޖޯސޭ މޮރީނިއޯ ވަނީ އޭނާއަށް ސީޒަނުގެ ބާކީ އޮތް ބައި ކާމިޔާބުކުރުމަށް ރަނގަޅު ވިންގަރަކު ބޭނުންވާ ކަން ކުލަބަށް އަންގާފައިވާ ކަމަށެވެ.
ކުލަބުން ކުޅުންތެރިންގެ އޭޖެންޓުންނަށް ޖޯސޭގެ ހުށައެޅުންތައް ފޮނުވާފައިވާއިރު، ރަނގަޅު އަގެއް ހުށައަޅައިފިނަމަ ޕީއެސްޖީން މޯރާ ވިއްކާލާނެ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ލޯނު އުސޫލުން ކުޅުންތެރިޔާ ދޫކޮށް ނުލާނެ ކަމަށް ބެލެވެއެވެ. އެއީ މިދިޔަ ޓްރާންސްފާ ސީޒަނުގައި ކުލަބުން ވަނީ ބޮޑު ޚަރަދުތަކެއް ކުރުމަށް ފަހު ނޭމާއާއި އެމްބާޕޭ އަދި ޑެނީ އަލްވޭސް ޕެރިހަށް ގެނެސްފައެވެ.
ޔުނައިޓެޑުން މޯރާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވި ނަމަވެސް އަދި އޭނާއަށް އަގެއް ހުށައަޅާފައެއް ނުވެއެވެ. ނޭމާއާއި އެމްބާޕޭ ކުލަބަށް ގެނައުމަށް ފަހު ލޫކަސް މޯރާއަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އޭނާ ކުލަބު ދޫކޮށްލުމަށް ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.