Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

އެޑިއުކޭޝަންގެ 2018 ގެ އެކްޓިވިޓީ ކަލަންޑަރުގައި ރޯވިން ހިމަނައިފި

ރޯވިން ނުވަތަ ފަލި ޖެހުމުގެ މުބާރާތްތަކުން ރާއްޖޭން މިހާރު ކާމިޔާބީތަކެއް ހޯދަން ފަށާފައިވާ އިރު، އެޑިއުކޭޝަން މިނިސްޓްރީގެ 2018 އެކްޓިވިޓީ ކަލަންޑަރުގައި ފުރަތަމަ ފަހަރަށް ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަރަކާތްތައް ހިމަނައިފި އެވެ.

އެ ޖަމިއްޔާގެ ރައީސް އަހުމަދު ހަބީބް މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ރަސްމީކޮށް ސަރުކާރުން މިހާރު ރޯވިންގެ ހަރަކާތްތައް ބަލައިގެންފައިވާތީ ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުން އެޕްރީލް މަހުގެ 26-28 އަށް ތިން ވަނަ އިންޓަ ސްކޫލް ރޯވިން ކޮމްޕެޓިޝަން ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.

"އަޅުގަނޑުމެން މިކަމަށް މަސައްކަތް ކުރާތާ ތިން އަހަރެއްހާ ދުވަސް ފަހުން ރަސްމީކޮށް ރޯވިން އެސޯސިއޭޝަންގެ މަސައްކަތްތައް ބަލައިގެންފާތީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ،" ކޮންމެ އަހަރަކު ސްކޫލް ކުދިން ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގާ އެސޯސިއޭޝަނާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ހަރަކާތްތެރިވަމުން އަންނަ ރޯވިން އެސޯސިއޭޝަނަށް ޔޫތު މިނިސްޓްރީން ވެސް މިހާރު ވަރަށް ބޮޑު ސަޕޯޓެއް ލިބޭކަން އެ ޖަމިއްޔާ އިން ފާހަގަ ކުރެ އެވެ.

ރޯވިން އިން ރާއްޖޭގެ ރޯވިން ޓީމް މިދިޔަ މަހު ވަނީ ޗައިނާގައި ބޭއްވި އޭޝިޔަން ރޯވިން ކޯސްޓަލް ޗެމްޕިއަންޝިޕްގައި ތިން ވަނަ ވެސް ހޯދައިފަ އެވެ. އެ މުބާރާތުގައި ވާދަކޮށްގެން ބްރޯންޒް މެޑެލް ހޯދާފައިވާ އިރު، ރާއްޖޭން ބޭރުގައި ބާއްވާ ގިނަ މުބާރާތްތަކުގައި ރޯވިން އެސޯސިއޭޝަނުން މިހާރު އަންނަނީ ވާދަ ކުރަމުންނެވެ.

ހަބީބް ވިދާޅުވީ މި އަހަރު ވެސް ރޯވިންގެ ގިނަ އިވެންޓްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އެގޮތުން އެޕްރީލްގައި ބާއްވާ މުބާރާތުގެ އިތުރަށް ޖުލައި މަހުގެ 26-28 އަށް ނެޝަނަލް ރޯވިން ކޮމްޕެޓިޝަން ބޭއްވުމާއި އިންޑޮނީޝިއާގައި ސެޕްޓެމްބަރު މަހު އޮންނަ އޭޝިއަން ގޭމްސްގައި ވާދަ ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ރޯވިންގެ އޯޕަންޑޭތަކެއް ވެސް ބާއްވައި، ވައިޑީޕީ ޕްރޮގްރާމްތަކެއް ހިންގަން ހަމަޖެހިފައިވެ އެވެ.