Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ބިން ހިއްކައި ނިމިއްޖެ، މައްސަލަ ކޯޓްގައި!

ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބޭނުންވާ 9 ވަރަކަށް ހެކްޓަރުގެ ބިން އެރަށު ކުޅި ހިއްކައިގެން ސަރުކާރުން ނިންމި ނިންމުމަކީ އެކަމާ ގުޅޭގޮތުން ހެދި އީއައިއޭއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެމަސައްކަތް ހުއްޓުވައި ދިނުމަށް އެދި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އީކޯކެއާއިން މަދަނީ ކޯޓަށް ހުށައެޅި މައްސަލައިގެ ގޮތެއް ކަނޑަނޭޅެނީ ކުޅިން ހިއްކަން ބޭނުންވާ ބައި ހިއްކައި ނިންމައިފިއެވެ.

ބިން ހިއްކުމަށް ސަރުކާރުން ހަވާލުކުރި އެމްޓީސީސީން މިއަދު "ސަން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. ހިއްކުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރާއި އެ ރަށު ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރެވެ.

ނަމަވެސް ކުޅުދުއްފުށި ކުޅި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދަނެގަތުމަށް ހެދި އީއައިއޭގައި ފާހަގަކުރި ކަންތައްތަކަށް ބެލުމެއް ނެތި ކަމަށްވާތީ އީކޯކެއާއިން ވަނީ އެންވަޔަރޮމެންޓް މިނިސްޓްރީއާއި އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އާ ދެކޮޅަށް މަދަނީ ކޯޓުގައި ދައުވާ ކޮށްފައެވެ.

އީކޯކެއާ އިން ކޯޓަށް މައްސަލަ ހުށައެޅާފައިވަނީ ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދިއެވެ. ނަމަވެސް ކޯޓުން އެއަމުރު ނެރެ ދީފައިނުވާއިރު ދައުލަތުން ޖަވާބުގައި ކޯޓަށް ހުށައަޅާފައިވަނީ ކުޅުދުއްފުށީގެ ބިމަކާ ބެހޭ ގޮތުން ގޮތް ކަނޑައެޅުމަށް މާލޭގެ ކޯޓަކަށް ހުށަނޭޅޭނެ ކަމަށާއި އެކަން ކުރުމަށް ހުށައަޅަން ޖެހޭނީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ކަމަށެވެ.

އީކޯކެއާއިން ޖަވާބުގައި ހުށައެޅި ބަޔާނުގައި ވަނީ ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ދައުވާ ލިބޭ ފަރާތުން އަދާކުރަން ޖެހޭ ޒިންމާއިން އިހުމާލު ވެފައިވާތީ ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށްކަން ފާހަގަކޮށްފައިވެއެވެ.

މިމައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަމުން އީކޯކެއާގެ ފަރާތުން މައުލޫމާތު ދެއްވި މަޢީދު ވިދާޅުވެފައިވަނީ އީކޯކެއާއި ޝަރީއަތާއި ހަމައަށް މައްސަލަ ގެންގޮސްފައިވަނީ އޭގެ ކުރިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުމުން، ޝަރީއަތާއި ހަމައަށް މައްސަލަ ގެންދަން މަޖުބޫރު ވި ކަމަށް އޭނާ ބުނެފައިވެއެވެ.