އޮންލައިން ނޫސް "ވަގުތު" އިން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒު ފަހުމީގެ ފުރާނައަށް ނުރައްކާވާ ފަދަ ލިޔުމެއް ގެނެސްދީފައިވާތީ އެނޫހުގެ މައްސަލަ ބަލައި ދިނުމަށް އެދި އިންތި މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށައަޅައިފިއެވެ.
އިންތި ވަނީ ޕޮލިހުގެ އިތުރުން މޯލްޑިވްސް މީޑިޔާ ކައުންސިލް(އެމްއެމްސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މިމައްސަލަ ހުށައަޅާފައެވެ. އިންތި ބުނެފައިވަނީ އެނޫހުން އޭނާ ދެއްކި ވާހަކަ "އޮޅުވާލާއިގެން" ގެނެސްދިން ޚަބަރެއްގެ ސަބަބުން ބައެއް މީހުންގެ ތެރޭގައި އޭނާއާ ދެމެދު ނަފްރަތާއި ރުޅިވެރިކަން އުފެދިފައިވާ ކަމަށެވެ.
އިންތި މައްސަލަ ހުށައަޅާފައިވަނީ ވަގުތު ނޫހުން ގެނެސްދިން ޚަބަރެއްގައި އޭނާއާ ހަވާލާދީ "ބުދު ދީންވެސް ރާއްޖެއަށްވުރެ ރަނގަޅު" ކަމަށް ބުނެ ގެނެސްދީފައިވާ ވާހަކަތަކަކީ އޭނާ ދެއްކި ވާހަކަ އޮޅުވާލައިގެން ގެނެސްދިން ކަމަށް ބުނެއެވެ. އަދި އެ ޚަބަރު ކިޔުމަށްފަހު ބައެއް މީހުން އޭނާގެ ހަށިފުރާނައަށް ނުރައްކާވާ ގޮތަށް ކޮމެންޓުކޮށް ވާހަކަ ދައްކާފައިވާ ކަމަށް އިންތި ބުނެއެވެ.
އަދި އިންތި ބުނެފައިވަނީ އެނޫހުން ގެނެސްދިން ޚަބަރުގައި އޭނާ ވިދާޅުވި އެއްޗެއް ކަމަށްބުނެ ބައެއް ވާހަކަތައް އަމިއްލަ އިބާރާތުން ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނީ ގޮތުން ވަގުތު ނޫހާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި މީޑިޔާ ކައުންސިލް އަދި އެޗުއާރުސީއެމްގައި އެދިފައިވާ ކަމަށް އިންތި ބުނެއެވެ.