މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯ މިސީޒަން ނިމުމުން ކުލަބު ދޫކޮށް ދާން ބޭނުން ކަމަށް މީޑިޔާގައި ދެކެވޭ ވާހަކަތައް އޭނާ މިއަދު ދޮގުކޮށްފިއެވެ.
މާދަމާރޭ ކުޅޭ އެފްއޭ ކަޕް މެޗުގެ ކުރިން ދިން ޕްރެސް ކޮންފަރެންސުގައި މޮރީނިއޯ ބުނެފައިވަނީ އޭނާ ކުލަބުގައި މަޑުކުރަން ބޭނުން ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ މުޅިން އޭނާގެ ނިންމުމެއް ނޫން ކަމަށާއި އެއީ ކުލަބާއި ވެރިންގެ ބަސްވެސް ބޭނުންވާނެ ނިންމުމެއް ކަމަށެވެ.
"އަހަރެން ބޭނުން (ކުލަބުގައި) މަޑު ކުރަން. އެކަމަކު އެއީ ކުލަބުގެ ނިންމުމެއް. ވެރިން، ބޯޑު، އެމީހުން އަހަރެންގެ މަސައްކަތާ މެދު ހިތްހަމަޖެހި، އަހަރެން މަޑުކުރަން ބޭނުންނަމަ މަޑުކުރާނަން." މޮރީނިއޯ ބުނެފައިވެއެވެ.
ގޯލު ޖެހުމުން އުފާ ފާޅުކުރާ މިންވަރު ދަށްވުމުން ނޫސްވެރިޔަކު އެއީ ކީއްވެތޯ ސުވާލު ކުރުމުން މޮރީނިއޯ ވަނީ އޭނާ މޮޔައެއް ހެން ވައްތަރު ޖައްސާ ނުހެދުމުން ފުޓުބޯޅަ މަތިން ފޫހިވޯތޯ ސުވާލުކޮށްފައިވެއެވެ.
ގަބޫލުކުރެވޭ ގޮތުގައި މޮރީނިއޯ އެހެން ބުނެފައިވަނީ ލިވަޕޫލްގެ ކޯޗު ކްލޮޕް އަދި ޗެލްސީގެ ކޯޗު ކޮންޓޭއާ ދިމާލަށެވެ. ކޮންޓޭ އާއި ކްލޮޕަކީ އެހެން މެނޭޖަރުންނާ އަޅާބަލާއިރު ގޯލު ޖެހުމުން އުފާ ފާޅުކުރުން އެހެން ދަރަޖައަކަށް ގެންގޮސްފައިވާ ދެކޯޗުންނެވެ.