Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މަޝްވަރާތައް ކުރިއަށްދާ ވަރަކުން ހާމަ ކުރާނެ: ރިޔާޒް

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމަށް ފަށާފައިވާ މަޝްވަރާގެ މަސައްކަތް ސިއްރުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މަޝްވަރާތައް ކުރިއަށްދާ މިންވަރަކުން މީޑިޔާއާ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް މަޝްވަރާ ކޮމިޓީގެ ވައިސް ޗެއާ، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ފަރާތުން މަޝްވަރާ ކޮމިޓީއަށް ފޮނުވި ދެމަންދޫބުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ރިޔާޒް ހާމަކޮށްފައިވާ ގޮތުގައި އަދި މަޝްވަރާ ކޮމިޓީން ބާއްވާފައިވަނީ އެންމެ ބައްދަލުވުމެކެވެ. އެއީ ކޮމިޓީގެ ޗެއާ އަދި ވައިސް ޗެއާ ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ޗެއާގެ މަގާމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހް(އިބޫ) ވަނީ އައްޔަންކޮށްފައެވެ.

އޭގެ އިތުރުން ރަސްމީ ގޮތެއްގައި މަޝްވަރާގެ އެއްވެސް ބައްދަލުވުމެއް އަދި ބާއްވާފައި ނުވާ ކަމަށާއި މަޝްވަރާގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮމިޓީ މެމްބަރުންގެ މެދުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި މަޝްވަރާގެ މަޖިލީހުގައި ހިނގާ މުހިންމު ކަންތައްތައް މީޑިޔާއަށް ސިއްރު ނުކުރާނެ ކަމަށް ރިޔާޒް އިތުރުކޮށްފައިވެއެވެ.

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު އެމްޑީޕީން ބޭނުންވަނީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ކެންޑިޑޭޓުގެ ގޮތުގައި ނެރުމަށެވެ. އަދި ޖޭޕީން ބޭނުންވަނީ އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމަށް އެފުރުސަތު ދިނުމަށެވެ. ދެޕާޓީންވެސް ވަނީ މަޝްވަރާގެ މަތިން ނިންމާ ކެންޑިޑޭޓަކާއެކު ކުރިއަށް ދާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް ދެ ލީޑަރުންނަށްވެސް ގާނޫނީ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.