ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކަމުގައިވާ ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހިޑެން ހިލްސް އިން އެމީހުން ގަތް އާ ގެއަކަށް ބަދަލުވެފަ އެވެ. މިހާރު ކިމް އާއި ކާންޔޭ ވަނީ އެ ގެއަށް ގަހަނާ ވެއްދުން މަނާކޮށްފަ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މިފަދަ ޤަވާއިދެއް ހަދާފައި ވަނީ ހިޑެން ހިލްސް ގައި ހުންނަ އެމީހުންގެ އާ ގެ ވަގުންގެ ޝިކާރައަކަށް ވުމުން ރައްކާތެރި ކުރުމަށްޓަކައެވެ.
އެތައް މިލިއަން ޑޮލަރުގެ އަގުހުރި ކިމްގެ ގަހަނާ ކަލެކްޝަން ވަނީ އެހެން ތަނެއްގައި ރައްކާ ކޮށްފައި ކަމަށާއި، އެ ގަހާނަތައް ވަނީ އަބަދުވެސް ސެކިއުރިޓީގެ ނަޒަރުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކިމް އާއި ކާންޔޭގެ އާ ގޭގައި އެއްވެސް އަގުބޮޑު ގަހަނާއެއް ނުބަހައްޓާނަމަވެސް، ކިމް ދިރިއުޅެމުންދާނީ 24 ގަޑިއިރު ސެކިއުރިޓީ އާއެކު އެވެ.
އެނގިފައިވާ ގޮތުގައި މިގޮތަށް ކިމް ކަންތައް ކުރަން ނިންމާފައި ވަނީ ޕެރިސްގައި ހިނގި ފޭރުމާއި ވައްކަމުގެ ހާދިސާގެ އަސަރު އަދިވެސް ކިމް އާއި ކާންޔޭގެ ހަނދާނުން ފިލައިގެން ގޮސްފައި ނުވާތީއެވެ.