މި މަހުގެ 11 ވަނަ ދުވަހު ބާއްވާ 23 ވަނަ އަހަރީ ކްރިޓިކްސް ޗޮއިސް އެވޯޑްސް ހޯސްޓް ކުރާނީ މަޝްހޫރު އެކްޓްރެސް އޮލިވިއާ މަން އެވެ.
މި އެވޯޑް ހަފްލާ އިންތިޒާމް ކުރާ ބްރޯޑްކާސްޓް ފިލްމް ކްރިޓިކްސް އެސޯސިއޭޝަން (ބީއެފްސީއޭ) އާއި ބްރޯޑްކާސްޓް ޓެލެވިޝަން ޖާނަލިސްޓްސް އެސޯސިއޭޝަން (ބީޓީޖޭއޭ) އިން ވަނީ މި ޚަބަރު ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ބީއެފްސީއޭ އިން ނެރުނު ބަޔާނެއްގައި އެ އެސޯސިއޭޝަންގެ ރައީސް ޖޯއީ ބާލިން ވިދާޅުވެފައި ވަނީ މި އަހަރުގެ ހަފްލާ ހޯސްޓް ކުރަނީ އޮލިވިއާ ކަމާއިމެދު ވަރަށް އުފާކުރާ ކަމަށާއި، ވަރަށް ފޯރިގަދަކޮށް އޭނާ އެވޯޑް ހަފްލާ ހުށައަޅައިދޭނެ ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.
"އެކްސް-މެން: އެޕޮކެލިޕްސް" އިން ވެސް ފެނިގެން ގޮސްފައިވާ އޮލިވިއާ 2018 ވަނަ އަހަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑްސް ހުށަހަޅައިދޭނީ ޖެނުއަރީ 11 ވަނަ ދުވަހުގެ ރޭ އެވެ.
މިފަހަރުގެ އެވޯޑް ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކެލިފޯނިއާގެ ސެންޓަ މޮނިކާގެ ބާކާ ހޭންގާ ގައެވެ.