Last Updated: June 15, 17:29
Monday, June 15, 2026
ޚަބަރު

"ގައުމީ ވަހުދަތު ނަގާލަން ސޯޝަލް މީޑިއާގައި މަސައްކަތް ކުރޭ"

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް.

ގައުމީ ވަހުދަތު ނަގާލުމަށް ސޯޝަލް މީޑިޔާގައި މަސައްކަތް ކުރާ އޭޖެންޓުންތަކެއް މިހާރު އުޅެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫ އަށް ވަޑައިގެން އެރަށުގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް އިން ހިންގި ސެޓުފިކެޓު ތްރީ އިން މަލްޓި މީޑިޔާ އެންޑް ވެބް ޑިސައިނިންގެ ބައިވެރިންނާ މުޚާތަބުކޮށް ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ދީނަށް ފުރައްސާރަ ކުރާ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއަށް އެހެން ދީންތައް ގެންގުޅެން ސޯޝަލް މީޑިޔާގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޯހުގެ ބައިވެރިންނަށް މިނިސްޓަރު ވަނީ ގޮވާލާފައެވެ.

އަދި ގޮތް ނޭނގޭ އެކައުންޓުތައް މެދުވެރިކޮށް ފަތުރަމުންދާ ޚަބަރުތަކާއި އެފަދަ މީހުންނާ ދެކޮޅަށް ވާހަކަ ދެއްކުމަށާއި ރަނގަޅު މައުލޫމާތު ސާފުކޮށްދިނުމަށް ދަރިވަރުން ދަސްކޮށްފައި ހުރި ހުނަރުތަކުގެ ބޭނުން ހިފުމަށްވެސް އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.