Last Updated: June 15, 17:29
Monday, June 15, 2026
ޚަބަރު

ޔުނައިޓެޑާއި ލިވަޕޫލް އެފްއޭ ކަޕް މެޗްތައް ކާމިޔާބުކޮށްފި

އިނގިރޭސި އެފްއޭ ކަޕުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗުތައް ދެޓީމުވެސް ކާމިޔާބުކޮށް، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ޔުނައިޓެޑާއި ޑާބީ ކައުންޓީ ކުޅުނު މެޗު ޔުނައިޓެޑު 0-2 އިން ކާމިޔާބުކޮށްފައިވާއިރު ލިވަޕޫލް ކުޅެފައިވަނީ އެވަޓަންއާ ދެކޮޅަށެވެ. މެޗު ނިމިގެން ދިޔައީ 1-2 އިން ލިވަޕޫލް މޮޅުވެގެންނެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާއެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެވަޓަންގެ ސިގަޑްސަން ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް ލިވަޕޫލަށް މެޗު ކާމިޔާބުކޮށްދިނީ 84 ވަނަ މިނެޓުގައި މިމަހު ލިވަޕޫލާއި ގުޅުނު ވެންޑައިކްއެވެ.

ވެންޑައިކްގެ ފުރަތަމަ މެޗުގައި ކުލަބަށް ގޯލު ޖެހުމުން ގިނަ ބަޔެއްގެ ލޯބި ލިބިފައިވާއިރު ރޭގެ މެޗުގައިވެސް ކުޓީނިއޯ ބައިވެރިއެއް ނުވެއެވެ. ކުޓީނިއޯ ކުލަބު ދޫކޮށް ބާސާއާ މިމަހު ތެރޭ ގުޅޭނެ ކަމުގެ އަޑު ފެތުރިފައިވާއިރު ލިވަޕޫލް ސަޕޯޓަރުންގެ ލޯބި އޭނާއަށް ވަނީ ގެއްލިފައެވެ.

އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޑާބީ ކައުންޓީ ބައްދަލުކުރި މެޗުގައި ޔުނައިޓެޑުގެ ދެގޯލުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހުކޮޅުގައެވެ. ޖެސީ ލިންގާޑުގެ ރީތި ގޯލެއް 84 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާއިރު ޔުނައިޓެޑުގެ ދެވަނަ ގޯލު 90 ވަނަ މިނެޓުގައި ޖަހާފައިވަނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ރޮމެލޫ ލުކާކޫއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުގެ ޒުވާން ފޯވާޑް، މާކަސް ރަޝްފޯޑަށްވެސް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ޖެހިފައެއް ނުވެއެވެ. ރަޝްފޯޑްގެ ދެ ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާއިރު ރޭގެ މެޗުގައި ހެންރިކް މިޚިތަރިޔާންގެ ފަރާތުން ފެނިގެން ދިޔައީ އަނެއްކާވެސް ދަށް ކުޅުމެކެވެ.

ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުން މޮރީނިއޯ އޭނާ ބަދަލުކޮށް ލުކާކޫ ކުޅެން ނެރެފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މޮރީނިއޯ ވަނީ އެ ނިންމުމަށް މާފަށް އެދިފައެވެ.