ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅެފައިވާ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ "ޔެ ޖަވާނީ ހޭ ދިވާނީ" މެއި މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ފިލްމްގެ ފުރަތަމަ ޓްރެއިލާ ވެސް ދާދި ފަހުން ވަނީ އާންމުކޮށްފަ އެވެ. ޓްރެއިލާ ރިލީޒް ކުރުމާ އެކު ފިލްމަށް ގިނަ ބަޔަކު އަންނަނީ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.
ސަބަބަކީ މި ފިލްމްކީ ދީޕިކާ އާއި ރަންބީރު ރައްޓެހިވެގެން އުޅުމަށް ފަހު، ދެ މީހުންގެ ގުޅުން ނިމުމަކަށް އައިސް ދެ ތަރިން ސްކްރީނުން އަލުން އެކުގައި ފެންނާނެ ކަމުގެ އުންމީދު ގެއްލިފައި ވަނިކޮށް، ދެ ތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމަށްވުމެވެ.
ރަންބީރާއި ދީޕިކާ މީގެ ކުރިން އެކުގައި ފެނިފައި ވަނީ "ބަޗްނާ އޭ ހަސީނޯ" އިންނެވެ.
"ވޭކް އަޕް ސިދް" ގެ ޑައިރެކްޓަރު އަޔާން މުކަރުޖީގެ ދެވަނަ ފިލްމް ކަމަށްވާ "ޔެ ޖަވާނީ ހޭ ދިވާނީ" ގައި ރަންބީރާއި ދީޕިކާގެ އިތުރުން ކަލްކީ ކޮޗިން އާއި އަތިދިޔާ ރޯއި ކަޕޫރު ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވެ އެވެ.
މި ފިލްމަކީ ޒުވާނުންނާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ލޯބީގެ ފިލްމެކެވެ.