މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު، ޖޯސޭ މޮރީނިއޯގެ ބަހުގެ ހޫނު ހަމަލާތަކެއް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއަށް އަނެއްކާވެސް އަމާޒުވެއްޖެއެވެ.
ދެ ކޯޗުންގެ ދެމެދުގައި މައްސަލަ ހޫނުވެފައިވަނީ މޮރީނިއޯގެ ޕްރެސް ކޮންފަރެންސުގައި އޭނާގެ ޓީމުން ގޯލު ޖެހުމުން މޮޔައެއް ހެން ނޫޅުމަކީ ފުޓުބޯޅައަށް ފޫހިވީތޯ ސުވާލުކުރުމުންނެވެ.
އިއްޔެ ކޮންޓޭގެ ޕްރެސް ކޮންފަރެންސުގައި ނޫސްވެރިޔަކު ކޮންޓޭއާ ކުރި ސުވާލެއްގައި މޮރީނިއޯ ނުސީދާ ގޮތެއްގައި ބުނެފައިވަނީ ކޮންޓޭއާއި ކްލޮޕްއަށް ކަމަށް ބެލެވޭތީ އޭނާގެ ޖަވާބަކީ ކޮބައިތޯ އެހުމުން ކޮންޓޭ ވަނީ މޮރީނިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ވަނީ މޮރީނިއޯ ކުރިން އުޅުނު ވައްތަރު ހަނދާން ނެތުނީތޯ ސުވާލުކޮށްފައެވެ.
ރޭ ޔުނައިޓެޑު ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް މޮރީނިއޯ ޖަވާބުގައި ބުނެފައިވަނީ އެ ހަނދާން ނުނެތޭ ކަމަށާއި އަދިވެސް އެފަދަ ކަމެއް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ދުވަހަކުވެސް މަކަރު ހަދައިގެން އޭނާ ސަސްޕެންޑު ނުކުރާ ކަމަށާއި އެފަދަ ކަމެއްގައި ސަސްޕެންޑު ނުވެސް ކުރާނެ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.
ކޮންޓޭ ވަނީ 13-2012 ވަނަ ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވިފަހުން، އޭނާގެ ކުރީގެ ކުލަބު، ސިއޭނާގައި ހުރެ މެޗަކުން މަކަރު ހެދި ކަމަށް ސާބިތުވެ ހަތަރު މަހަށް ސަސްޕެންޑުކޮށްފައެވެ. ނަމަވެސް 2016 ވަނަ އަހަރު ކޯޓުން ވަނީ އޭނާގެ ކުށެއް އެކަމުގައި ނެތް ކަމަށް ހުކުމްކޮށްފައެވެ.