Last Updated: June 15, 17:29
Monday, June 15, 2026
ޚަބަރު

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޖަޕާނުގެ ފޮރިން މިނިސްޓަރު ކޯނޯއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އާސިމް މަރުހަބާ ދަންނަވަނީ: ފޮޮޓޯ - ފޮރިން މިނިސްޓްރީ

ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ކޯނޯއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމެވެ.

ރާއްޖެއާއި ޖަޕާނުގެ ޚާރިޖީ ގުޅުމަށް ފަންސާސް އަހަރު ފުރިފައިވާއިރު މިނިސްޓަރު ކޯނޯ ރާއްޖެ ވަޑައިގެންފައިވަނީ މި ޚާއްސަ މުނާސަބާ ފާހަގަކުރުމަށެވެ.

ކޯނޯގެ މިދަތުރުފުޅުގައި މިއަދު ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވައި އިހުތިރާމްގެ ޒިޔާރަތެއް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދެގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތައް ފޮރިން މިނިސްޓްރީގައި ބާއްވާނެއެވެ.

ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިނިސްޓަރު ކޯނޯ ރާއްޖެއިން ފުރާވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގައެވެ. ރާއްޖެއާއި ޖަޕާނާ ދެމެދު 1967 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމް ކުރެވިފައިވާއިރު އޭގެ ފަހުން ޖަޕާނާއި ރާއްޖެއާ ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފައެވެ.